ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ އުޞޫލާ އެއްގޮތަށް - އޮޑިޓް ރިޕޯޓް


ކޯވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދިހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ އެންސްޕާއިން ދޫކޮށްފައިވަނީ އުޞޫލުތަކާއެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، "އެންސްޕާ" އާއި އާސަންދަ ކުންފުނިން ކޯވިޑް-19އާ ގުޅިގެން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައެޅި 2506 ފަރާތަކަށް އެލަވަންސްގެ ގޮތުގައި އެންސްޕާއިންން ދޫކޮށްފައިވަނީ ޖުމުލަ 10،049378 (ދިހަ މިލިއަން ސާޅީސް ނުވަ ހާސް ތިން ސަތޭކަ ހަތްދިހަ އަށް ރުފިޔާ)އެވެ.

އޮޑިޓް ރިޕޯޓުގައި ވާގޮތުން މި ޚަަރަދު އެންސްޕާއިން ކޮށްފައިވަނީ "ކޯވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުޞޫލު" އާއި "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށެވެ.

ދިވެހިރާއްޖޭ ގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން އިންކަމް ސަޕޯޓު އެލަވަންސް ދީފައިވަނީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާޗް އެކެއްގެ ފަހުން ވަޒީފާއިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވާ މީހުންނާއި، މުސާރަ ނުލިބޭގޮތަށް ޗުއްޓީ ނުވަތަ (ނޯ ޕޭލީވް) އަށް ފޮނުވައިފައިވާ މީހުންނާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

ވަޒީފާ އަދާ ކުރާ މީހުންގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 2042 މީހަކަށް 7،787،447 ރުފިޔާ އެލަވަންސްގެ ގޮތުގައި ދީފައިވާއިރު، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2،261،931 ރުފިޔާ އެލަވަންސްގެ ގޮތުގައި ވަނީ ދޫކޮށްފައެވެ.