ކުޅިވަރު

ސްޕެއިނުން ޖަރުމަނު މޮޅުވިޔަ ނުދީ ހިފަހައްޓައިފި


ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްޕެއިންނާ ޖަރުމަނު ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

މި މެޗުގައި ޖަރުމަނުން ލަނޑު ޖަހާފައިވަނިކޮށް ސްޕެއިނުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައެވެ. މި ސީޒަނަށް ޖަރުމަނުގެ އާރްބީ ލިޕްޒިގުން އިނގިރޭސި ޗެލްސީއަށް ބަދަލުވި ޓިމޯ ވާނާގެ ލަނޑުން ޖަރުމަނަށް ދެވަނަ ހާފްގައި ލީޑު ނަގައިދީފައިވަނިކޮށް ސްޕެއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 90 މިނިޓްގެ ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ވެސް އެންމެ ފަހު މިނެޓުގައި ސްޕެއިންގެ ވެލެންސިޔާ ކުޅެމުން އަންނަ ޑިފެންޑަރ ޖޯސް ގާޔާއެވެ.

ދިހަ މަސް ފަހުން ދެ ގައުމުން ވެސް ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މެޗުގައި ގިނަ ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ޖަރުމަނުގައި ފުރަތަމަ 11 ގައި ކުޅޭ މުހިއްމު ކުޅުންތެރިން ރޭގެ މެޗުގައި ބޭނުންކޮށްފައި ނުވާއިރު ސްޕެއިނުން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް މެޗުގައި ފުރުސަތު ދީފައެވެ. ރޭގެ މެޗުގައި ސްޕެއިންގެ ގޯލްކީޕަރު ޑެހެއާ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޖަރުމަނުގެ ލެރޯއީ ސާނޭއަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ވެސް ސްޕެއިންގެ ކީޕަރު ޑެހައާއެވެ.

ރޭގެ މެޗުގައި ދެވަނަ ހާފްގައި ކުޅެން ނުކުމެ ސްޕެއިންގެ އަންސޫ ފަޓީ ވަނީ ރެކޯޑެއް ހަދާފައެވެ. އަންސޫ ފަޓީ ވެގެންގޮސްފަވަނީ 1963 ވަނަ އަހަރުގެ ފަހުން ސްޕެއިންގެ ޖާޒީގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާ ރޭގެ މެޗު ކުޅުނު އިރު އުމުރަކީ 17 އަހަރާ 308 ދުވަހެއެވެ.

ރޭގެ މެޗަކީ ޖަރުމަނު ބަލިކޮށް 2010 ވަނަ އަހަރު ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިފަހުން މި ދެގައުމު ވާދަވެރި ފުޓްބޯޅަ މެޗެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރެއެވެ. މި ގުރޫޕްގައި ހިމެނޭ ސްވިޒްލޭންޑް އާއީ ޔޫކްރެއިން ވާދަކުރި މެޗު 2-1 ލަނޑުން ކާމިޔާބުކުރީ ޔޫކްރެއިންއެވެ. މި މޮޅާއެކު ޔޫކްރެއިން އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަންނަ އާދިއްތަ ދުވަހުގެރޭ ޔޫކްރެއިން ނުކުންނާނީ ސްޕެއިންނާ ދެކޮޅަށެވެ. ޖަރުމަނު ނުކުންނާނީ ސްވިޒްލޭންޑްއާ ދެކޮޅަށެވެ.