ކޯވިޑް-19އަށް ޓެސްޓްކުރުމަށް ބޭނުންކުރާ އިތުރު 60،000 ކިޓު މިމަހުގެ 5 ވަނަ ދުވަހު ރާއްޖެއަށް ލިބޭނެކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.
އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިވަގުތު އެ ސެންޓަރުގައި 4000 ޓެސްޓް ހެދޭވަރަށް ކިޓް އެބަހުރިކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އިތުރު ކިޓްތަކެއް ކްލިޔަރ ކުރެވޭނެކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިމަހުގެ 5 ވާ ހޮނިހިރު ދުވަހު އިތުރު 60،000 ޓެސްޓް ކިޓް ލިބޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މީގެ ތެރޭގައި ޗައިނާއާއި އެމެރިކާއިން ގެންނަ ކިޓްތައް ހިމެނޭކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަތުގައި މިވަގުތު 4000 ޓެސްޓް ހެދޭވަރަށް ކިޓް އެބަހުރި. މާދަމާ އިތުރު ކިޓްސްތައް ކްލިޔަރ ކުރެވޭނެ. އޭގެ އިތުރުން 5 ސެޕްޓެމްބަރގައި އަޅުގަނޑުމެންނަށް 60،000 ޓެސްޓް ކްލިޔަރކުރެވޭނެ. އޭގެ ތެރޭގައި ހިމެނެނީ ޗައިނާއިން އަންނަ 40،000 އަދި އެމެރިކާއިން އަންނަ 20،000 ޓެސްޓް ކިޓްސްތައް" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަތޮޅުތަކުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކާ ބޭނުންކުރުމަށް ޖީން އެކްސްޕާޓް ކާޓްރިޖުގެ 1200 ކާޓްރިޖު މިވަގުތު އެބަހުރިކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި ކާޓްރިޖްތައް ބޭނުންކޮށްގެން ރާއްޖޭގެ 5 ސަރަޙައްދެއްގައި ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރ. އުނގޫފާއި، ބ. އޭދަފުއްޓާއި، ގދ. ތިނަދޫގެ އިތުރުން ލ. ގަމާއި އައްޑޫ ސިޓީއެވެ.
ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކާ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1000 ސާމްޕަލް އަންނަނީ ނަގަމުންނެވެ. އަދި މިހާތަނަށް ރިޕީޓެޑް ސާމްޕަލްތައް ހިމެނޭހެން މި ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް އެއްލައްކަ ފަނަރަ ހާހަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ.