ޚަބަރު

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވާ މައްސަލަތައް ފުލުހުން ތަޙްޤީޤްކުރަނީ


ހެލްތު މިނިސްޓްރިގެ އޮޑިިޓް ރިޕޯޓްގައި ތުހުމަތުކޮށްފައިވާ މައްސަލަތައް ފުލުހުން ތަޙްޤީޤްކުރަމުން އަންނަކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތައް ފުލުހުން ބަލަމުން އަންނަކަމަށާއި، އެމައްސަލަ ބެލުމުގައި ފުލުހުންގެ ދައުރެއްވެސް އޮންނަކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިހުރި މައްސަލަތައް ބަލަމުން އަންނަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ސީޕީ ހަމީދު ނުދެއްވައެވެ.

"ތިފާހަގަކުރައްވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓް ޚާއްޞަކޮށް ހެލްތު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ކަންތައްތަކެއް ނުވަތަ ތުހުމަތުކުރެވޭ ކަންތައްތަކެއްގެ މައްޗަށް ބެލެވެމުންދާ މައްސަލާގައި ޕޮލިސް ސާރވިސަސްގެ ބައިވެރިވުންވެސް އެބައޮތް. އަޅުގަނޑުމެން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަމުން ގެންދަނީ. އެތަޙްޤީޤްކުރިއަށް އެބަދޭ." ސީޕީ ޙަމީދު ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ތުހުމަތުކުރާ މައްސަލަތައް ފުލުހުން ބަލަމުން އަންނަކަމަށް ވިދާޅުވެފައިވާއިރު، ކޯވިިޑް-19ގެ ޙަލަތާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަށް ގެނައުމުގައި ބޮޑެތި އޮޅުވާލުންތައް ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގައި އެންމެ ބޮޑު މައްސަލައަކަށް ފާހަގަކުރައްވާފައިވަނީ ދުބާއީގެ ކުންފުންޏަށް ގެރެންޓީއަކާނުލައި އެޑްވާންސް ފައިސާ ދޫކުރި މައްސަލައެވެ. ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އިން 75 ވެންޓިލޭޓަރު ގެނައުމަށް ރާއްޖެއިން އޯޑަރުކުރިއެވެ. އަދި ވެންޓިލޭޓަރުގެ އަގުގެ %90އަށްވާ 30މިލިއަން ރުފިޔާ ވަނީ ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ޖަމާކޮށްފައެވެ.

މީގެ އިތުރުންވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުން ކޯވިޑާއި ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ މުއާމަލާތަކުގައި މަކަރާއި ހީލަތް ހަދާފައިވާކަން ވަނީ ޙަމަކޮށްފައެވެ. އޮޑިޓް ރިޕޯޓްގައި ތުހުމަތުކުރާ މައްސަލަތައް ފުލުހުން ތަޙްޤީޤްކުރަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންވެސް އަންނަނީ އޮޑިޓް ރިޕޯޓްގައިވާ މައްސަލަތައް ބަލަމުންނެވެ.