ޚަބަރު

ރައީސް ވަހީދު މިއަދު 4 ޖަހާއިރު ފުލުހަށް ހާޒިރުކުރަނީ


އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަކީ ކޯވިޑް-19 އާއި ގުޅިގެން 5 މީހުންނަށްވުރެ ގިނައިން އެއްފަރާ އެއްތަނަކަށް ޖަމާނުވުމަށް އެޗްޕީއޭއިން ކަނޑައަޅައި އެކަން ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވަނިކޮށް ބޭއްވި އެއްވުމެކެވެ. މިއެއްވުމުގައި ގިބަޔަކު ބައިވެރިވެފައިވާއިރު، އިސްކޮށް ހަރާކާތްތެރިވި ބޭފުޅުން ގައިދުރުކަމެއް ނެތި މާސްކުވެސް އަޅާފައި ނުވެއެވެ.

މި އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ރައީސް ޑރ.ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 16:00 އަށެވެ. އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.