ކޯވިޑް-19އާ ގުޅިގެން މިހާތަނަށް އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި 14 ތަނެއްގެ 750 ކޮޓަރި ބޭނުންކުރަމުން އަންނަކަމަށް އެޗްއީސޯއިން ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ އައިސޮލޭޝަން މެނޭޖަރ މުޙައްމަދު ހަމްޒަތު ވިދާޅުވީ ބޭނުންވާ ޢަދަދުތަކަށް ފެސިލިޓީތަށް ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން ޕޮޒިޓިވްވާ މީހުން ބައިތިއްބާ ފެސިލިޓީތަކާއި، މެޑިކަލް ފެސިލިޓިތަށްވެސް ހަމަޖައްސަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމްޒަތު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައިވެސް މިވަގުތު ޖާގަ އެބަހުރިކަމަށާ، އަދި ތާޖުއްދީންގައި ހަދާ ޓްރައޭޖް ފެސިލިޓީއާއެކުވެސް އިތުރު ޖާގަ އުފެދިގެންދާނެކަމަށެވެ.
"މިހާތަނަށް މިހުން އައިސޮލޭޓްކުރުމަށް 14 ފެސިލިޓީ އެބަ ހިންގަން. އެއީ 750އެނދު. ހުޅުމާލެ މެޑިކަލް ފެސިލިޓީގައިވެސް 252އެނދު އެބަހުރި. މާލޭގައިވެސް އެބަތިބި އެކިޙާލަތްތަކާއި ގުޅިގެން ބައިތިއްބާފައިހުރި ޕޮސިޓިވް މީހުން. އެމީހުން ސިއްޙީ ކަންކަމަށް އެހީ ހޯދުމަށް ޓްރައޭޖް ފެސިލިޓީވެސް އެބަ ހަދަން." ހަމްޒަތު ވިދާޅުވިއެވެ.
ހަމްޒަތު ވިދާޅުވީ ފެސިލިޓީތަކަށް މީހުން ގެންދިއުމުގައި އަދިވެސް ބައެއް ދަތިތަށް އެބަހުރިކަމަށެވެ. އެގޮތުން ބައެއް މީހުންގެ ފޯނަށް ގުޅަން ދަތިވުމާއި ޢާއިލާގެ އެހެން މެންބަރުންގެ ނަތީޖާ ނުލިބޭތީ ދިއުމަށް ދެކޮޅުހަދާމީހުންވެސް މާލޭގައި ބައިތިއްބާފައި އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް މީހުން ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން ނުގެންދެވި އެބަތިވި. ފޯނަށް ޖަވާބުދިނަސް އަނބިން ފިރިން ނުވަތަ ދަރިންގެ ނަތީޖާ ނުލިބޭތީ ދާން ދެކޮޅުހަދާ މީހުން މިވަގުތުވެސް އެބަތިބި ނުގެންގޮސް ބައިތިއްބާފައި." ހަމްޒަތު ވިދާޅުވިއެވެ.
އެޗްއީއޯސީގެ ތަފާސްހިސާބުތަކަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1482މީހުން އެބަތިއްބެވެ. ހަމްޒަތު ވިދާޅުވީ ގޭގައި ތިބި މީހުންގެ ހާލު "ހާލު ބެލުން" އެޕް މެދުވެރިކޮށް ގަވައިދުން ބަލަމުންދާކަމަށެވެ. އަދި އެޕުން މަޢުލޫމާތު ނުފޮނުވޭ މީހުންނަށް ގުޅައިގެންވެސް ޙާލުބަލާކަމަށެވެ.
މިގޮތަށް ތިބޭއިރު އެއްވެސް ސިއްޙީ ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ 1676އަށް ގުޅައި ވީހާވެސް އަވަހަށް އެންގުމަށްވަނީ އިރުޝާދުދީފައެވެ. 1676 ނަންބަރުގެ އޮޕަޝަން 1، ސިއްޙީ ހާލްތަކުގައި ގުޅުއްވާ މީހުން ނޫން އެހެން މީހުން ނުނެގުމަށް އެޗްއީސޯސީންވަނީ އިލްތިމާސްކުރައްވާފައެވެ.