ޚަބަރު

ކޯވިޑް-19 : މިރޭވެސް ޕޮޒިޓިވްވި ޢަދަދު 100 އިން މަތީގައި


ކޯވިޑް-19އަށް އިތުރު 109 މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެއެވެ.

ހުކުރުދުވަހުގެ އިރު އޮއްސި 18:00އިން ފެށިގެން ހޮނިހިރުދުވަހުގެ އިރު އޮއްސި 18:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 109 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 106 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 3 މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 80 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 24 މީހަކާއި އިންޑިއާ 2 މީހަކާއި ސްރީލަންކާ 2 މީހަކާއި ނޭޕާލް މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 7578 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 52 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 4925 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2619 އަރާފައިވާއިރު، 1482 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު 184 އަށް ވަނީ އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1129 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 110249 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރެޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 33 ރަށަކުންނާއި، 15 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އަތޮޅުތަކުން 53 ދިވެއްސަކާއި، 7 ބިދޭސީއަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މި އެންމެނަށްވެސް ބަލިޖެހުނުކަން އެނގިފައިވަނީ ރަށުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ހެދި ރިލީޒް ސާމްޕަލްތަކުންނެވެ. ރިސޯޓުތަކުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 15 ފަތުރުވެރިއަކާއި، 19 މުވައްޒަފެކެވެ.