ބޮޑުތަކުރުފާނު މަގުގައި އާޓިފިޝަލް ބީޗާ ދިމާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ޢިމާރާތުގެ އުތުރުން ހުރި، ޢިމާރާތުގައި ރޯވި އަލިފާންގަނޑު ރޯވިތާ 2 ގަނޑިއިރުގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މީޑީޔާއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އަލިފާނުގެ ރިޕޯޓް އެންމެ ފުރަތަމަ ލިބިފައިވަނީ 9:43 ހާއިރުކަމަށެވެ. ރިޕޯޓް ލިބުމާއިއެކު ސިފައިންގެ ފަޔާއެންޑް ރެސްކިއުޓީމުން އަލިފާން ނިއްވުމަށް ކެނޑިނޭޅި މަސައްކަތްކޮށް 2 ގަނޑިއެއްހައިއިރުގެ ތެރޭގައި އަލިފާންގަނޑުގެ %85 ކޮންޓްރޯލްކޮށްފައި ވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެހާ އުސް އިމާރާތެއްގައި އަލިފާން ރޯވިއިރު، ބައެއް ފްލޯތައް ވަރަށްބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވުމުން އިމާރާތުގެ ބައެއްފްލޯތަކަށް ވަނުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް އާންމުންނާއި ސިފައިން ކުރި މަސައްކަތުން އިމާރާތުގެ ތެރެއަށް ވަދެ މިހާރު އަލިފާންގަނޑު ކޮންޓްރޯކޮށް ނިއްވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފަޔަރ އެންޑް ރެސްކިއުޓީމުން ބުނެފައިވަނީ އެންމެ ފުރަތަމަ ރޯވީ "ކެފޭ ޓިއޯލޯ" ކެފޭގައިކަމަށެވެ. އޭގެފަހުން އެސްބީއައި ހުރި ޢިމާރާތުގައި ރޯވެ އަލިފާންގަނޑު ފެތުރިގެންދިޔައީކަމަށެވެ. ސިފައިން މިރޭ މިއަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ބޭނުންކޮށްފައި ވަނީ އެއްލީމަ އަލިފާން ނިއްވާލާ ވައްތަރުގެ އެއްޗެއް ކަމަށާއި އުސްއިމާރާތަކަށްވުމުން ފޯމް ޖަހަން އުނދަގޫތަކެއް ކުރިމަތިވިކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި މިހާރުވެސް ސިފައިންދަނީ އިމާރާތުގެ އެތެރޭގައި އަލިފާނުގެ އަސަރު ހުރިތޯ ބެލުމަށް އިމާރާތުގެ ފްލޯތައް ޗެކްކުރަމުންކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި އިމާރާތަކީ އުސް އިމާރާތަކަށްވުމުން އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައިވެސް ވަރަށްބޮޑަށް ރޯވެ އަލިފާން ހިފުމުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަތިތަކެއް ކުރިމަތިވިކަމަށެވެ. ނަަވެސް ސިފައިން މިފަދަ އުސްއިމާރާތްތަކުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ސިފައިންގެ 2 ވެހިކަލުގެ ބޭނުންކޮށްގެން މަސައްކަތް ކުރިތާ ގިނަ އިރުތަކެއްނުވެ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.
މިހާދިސާގައި އެންމެބޮޑު އިސްކަމެއްދިނީ އަލިފާންރޯވެ އޭގެ ދުމުން އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިކަމުން ސަލާމާތްކުރުމަށް ރައްކާތެރި ސަރަހައްދަކަށް ބަދަލު ކުރުންކަމަށެވެ. އަދި މިމަސައްކަތުގައި އާންމުންގެ އެހީތެރިކަމާއިއެކު މުޅި ސަރަހައްދު އެކީ ހުސްކުރެވިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.