ޚަބަރު

އިންކުއަރީއެއް ކުރިއަށް ގެންދާތީ ސިފާގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭއިން އަންގައިފި


މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭއިން އިންކުއަރީއެއް ކުރިއަށް ގެންދާތީ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދިއުމަށް އެލްޖީއޭއިން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ސޮއިކުރައްވާ މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އެލްޖީއޭއިން އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށާ، މައްސަލަ ރައްދުވާ އެއް ކައުންސިލަރަކު ހުށައަޅާފައިވާ މާލެ ސިޓީގެ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައި ނިންމަވާފައިވާ ކަމަށެވެ.

ކައުންސިލަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަވަމުން މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ފަޒީން އޭނާގެ މައްޗަށް ކުރައްވަނީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

"މިއީ ސިޔާސީ ބަޔަކު ފަހަތުގައި ތިބެގެން ވަރަށް ބޮޑު ރޯލެއް އޮވެގން ކުރާ ކަމެއް. އަދިކިރިޔާ ތަނެއް ލިބިގެން އަޅުގަނޑުމެން މަސައްކަތް ފަށައިގަތީމި. މެންބަރު ފަޒީންނާއި، މެންބަރު އާދަމް މަނިކު ފިޔަވާ ދެންތިއްބެވި ހުރިހާ ބޭފުޅުން ނިކުމެ ކުރެއްވި ހުރިހާ މަސައްކަތް، ނުކުރާކަމަކަށް ދައްކަން ކުރާ ކަމެއްމިއީ. ޕާޓީގެ ޕްރައިމަރީން ފެއިލްވީމަ މާލޭ ސިޓީ ކައުންސިލް ލޮޅުން އަރުވާލުމަށް ކުރާ މަސައްކަތެއް. އެމްޑީޕީގެ މެންބަރުން ވޯޓު ދޭނެކަމަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ." ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، ސިޓީ ކައުންސިލުގެ 3 އަހަރުގެ ދައުރު ފުރިހަމަކުރެއްވީ ވަރަށް ދަތި އުނދަގުލުގައި ކަމަށާއި، އެދަތިކަމުގައި މާލޭގެ ރައްޔިތުންނަށްޓަކައި ކުރެއްވި މަސައްކަތް ފެންނަން ހުންނާނެކަމަށެވެ. މިއީ ޒާތީ ގޮތުން ހުށައަޅުއްވާފައިވާ މައްސަލައެއްކަމަށް ތުހުމަތުކުރައްވާ ސިފާ ވިދާޅުވީ، ކައުންސިލްގައި ތިއްބެވި އެމްޑީޕީގެ އެއްވެސް މެންބަރަކު އޭނާއާ ދެކޮޅަށް ވޯޓު ދެއްވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ.