ކޯވިޑް-19

ކޯވިޑް-19 : ބަލި ޖެހުނު މީހުންގެ ޢަދަދު 7000އިން މައްޗަށް


އިތުރު 135 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 7000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 135 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 126 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 9 މީހެކެވެ.

އަލަށް ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިންނެވެ. 26 މީހުންނަކީ ބިދޭސީންނެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 8 މީހަކާއި، މިޞްރުގެ 2 މީހަކާއި ނޭޕާލުގެ މީހެކެވެ.

އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުން ޖުމްލަ ޢަދަދު މިހާރު މިވަނީ 7047 އަކަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލިން ރަނގަޅުވެފައިވަނީ 142 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4439 އަކަށް އަރާފައެވެ. ކޯވިޑް-19 އެކްޓިވް ކޭސްތަކުގެ އަދަދު 2580 އަކަށް އަރާފައިވާއިރު، އޭގެ ތެރެއިން 1460 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ. އަދި 173 މީހަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން 9 މީހަކަށް ފަރުވާދެމުންދަނީ އައި.ސީ.ޔޫގައެވެ. މި 9 މީހުންގެ ތެރެއިން 5 މީހަކު ފަރުވާ ހޯދަމުންދަނީ ވެންޓިލޭޓަރ މެދުވެރިކޮށެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

މާލޭ ސަރަޙައްދުގެ އިތުރުން މިވަގުތު ރާއްޖޭގެ 32 ރަށަކުން ކޯވިޑް-19 އެކްޓިވް ކޭސްތަކެއް ވަނީ ފެނިފައެވެ. އަދި 10 ރިސޯޓަކުންވެސް ވަނީ އެކްޓިވް ކޭސްތައް ފެނިފައެވެ. ރާއްޖޭގައި މި ބައްޔަށް ޓެސްޓްކުރުމަށް މިހާތަނަށް 105855 (އެއްލައްކަ ފަސް ހާސް އަށް ސަތޭކަ ފަންސާސް ފަސް) ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މި ބަލި ފުރަތަމަ ފެނުނު ދުވަސްކަމަށްވާ 7 މާރޗުން ފެށިގެން 500 ކޭސް ހަމަވާން ފުރަތަމަ ނެގީ 56 ދުވަހެވެ. ފުރަބަންދުގެ ފިޔަވަޅުތަކާއެކު ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް، ފުރަބަންދުގެ ފިޔަވަޅުތަކަށް ޖުލައި 1 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމާއެކު އަނެއްކާވެސް ބަލި ފެތުރޭ މިންވަރު އާދަޔާ ޚިލާފަށް ވަނީ އިތުރުވާން ފަށާފައެވެ.

އެގޮތުން ޖުލައިމަހުގެ ކުރީކޮޅު 500 ކޭސް ހަމަވާން 14 ދުވަސްނެގިއިރު، ޖުލައިމަހުގެ 21 އިން ފެށިގެން 500 ކޭސް ހަމަވާން ނެގީ އެންމެ 7 ދުވަހެވެ. އަދި ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 6000 އިން މައްޗަށް އަރާފައިވަނީ މިމަހުގެ 18 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް 7 ދުވަސްތެރޭ މިވަނީ 1000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، ޖުމްލަ ޢަދަދު 7047 އަކަށް އަރާފައެވެ.