އިޤްތިޞާދީ މިހާލަތުގައި އެމްއެމްއޭގެ އިސްބޭފުޅުންނަށް މަޤާމުގެ ޒިންމާ އަދާނުކުރެވޭކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މި މައްސަލައަކީ ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ޑޮލަރުގެ އަގު ކޮންޓްރޯލް ނުވެދާތީ އެކަމުގެ ޒިންމާ އެމްއެމްއޭއިން ނަގަން ޖެހޭނެކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އަދި މިއަދު ޑޮލަރުގެ އަގު 20 ރުފިޔާއަށް ބޮޑުވެފައިވާއިރު އެކަމުގެ ޒިންމާ ގަވަރުނަރު އަލީ ހާޝިމް ނަންގަވަން ޖެހޭނެކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ.
ޖާބިރުގެ މައްސަލަ ބަލައިގަތުމަށް ނެގި ވޯޓުގައި މިމައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 6 މެމްބަރުންނެވެ. މައްސަލަ ބަލައިގަތުމަށް ނުފެންނަކަމަށް 29 މެމްބަރަކުވަނީ ވޯޓު ދެއްވާފައެވެ. މިއާއެކު މިމައްސަލަވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
ޖާބިރު އެންމެ ފުރަތަމަ މިކުއްލި މައްސަލަ ހުށަހެޅުއްވީ ގަވަރުނަރު އަލީ ހާޝިމް ވަކިކުރުމަށް ގޮވާލައްވައެވެ. ނަމަވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ވަކިކުރުމުގެ މައްސަލައެއް، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަނޭޅުއްވޭނެ ކަމަށް މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ލަފާ ދެއްވިއެވެ. އެހެންކަމުން ޖާބިރުގެ އެމައްސަލަ މަޖިލީހުގައި އެޖެންޑާއެއް ނުކުރެއެވެ.
ޖާބިރުވަނީ މިއަދު ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުންތައް ޚާއްސަކޮށް ޑޮލަރުގެ ރޭޓަށް އަންނަމުންދާ ބަދަލުގެ ޒިންމާ އެމްއެމްއޭއިން ނަގަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިވަގުތު ދިވެހި އިޤްތިޞާދު އަލުން އިއާދަކޮށް ދިވެހި ރައްޔިތުންނަށް މާލީގޮތުން ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ހައްލެއް ގެނެސް ފައިސާގެ އަގު ހިފެހެއްޓޭނީ އެމްއެމްއޭއަށް އެފަރާތުގެ ޒިންމާ އަދާކުރެވިގެން ކަމަށް ޖާބިރުގެ މައްސަލައިގަވަނީ ބުނެފައެވެ.