ކޯވިޑް-19

ކޯވިޑް-19 : 133 މީހުން ޕޮަޒިޓިވްވިއިރު ދިވެހިންގެ އަދަދު މިއަދުވެސް 100 އިން މަތީގައި


މިއަދުވެސް 100 އަށްވުރެ ގިނަ މީހުން ކޯވިޑް-10 އަށް ޕޮޒިޓިވްވެ، ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުން ޖުމްލަ ޢަދަދު 7،000 އާއި ގާތްކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 133 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި، 30 ބިދޭސީންނެވެ. އަލަށް ބަލިޖެހުނު ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހުންނާއި، އިންޑިއާގެ 8 މީހަކާއި، ޔޫ.އޭ.އީގެ 2 މީހަކާއި، އިނގިރޭސިވިލާތުގެ 2 މީހަކާއި، ސްރީލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 6،912 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރު ޕޮޒިޓިވް ކޭސްތައް ފެނުނު ސަރަޙައްދުތަކަށް ބަލާއިރު، ގްރޭޓަރ މާލޭ ސަރަޙައްދުން 121 ކޭސް ވަނީ ފެނިފައެވެ. އަދި އަތޮޅުތަކުން 12 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، މި ކޭސްތަކަކީ ފުރަބަންދު ކަރަންޓީން ފުރިހަމަކުރާ ފަރާތްތަކުގެ ކިބައިން ފެނިފައިވާ ކޭސްތަކެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލިން އަލަށް ރަނގަޅުވެފައިވަނީ 75 މީހެކެވެ. މިއާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4،297އަށް އިތުރުވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިތުރު ދިވެއްސަކު މި ބަލީގައި ނިޔާވެފައިވާއިރު، ނިޔާވި މީހުންގެ ޖުމްލަ ޢަދަދުވެސް މިހާރު މިވަނީ 27އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2،588 އަކަށް އަރާފައިވާއިރު، އޭގެ ތެރެއިން 1،458 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި އަންނަނަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މިވަނީ 171 އަކަށް އަރާފައެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ރާއްޖޭން މިހާތަނަށް 104،631 (އެއްލައްކަ ހަތަރު ހާސް ހަ ސަތޭކަ ތިރީސް އެއް) ސާމްޕަލް ޓެސްޓްކުރުމަށްޓަކާ ވަނީ ނަގާފައެވެ.