އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަސިންޖަރުންނަށް ފަސޭހަވާނެހެން ޓާމިނަލްތަކުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ.އެމްއޭސީއެލްއިން ބުނީ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ފަސިންޖަރުން ޗެކިންގ ނިންމުމަށްފަހު ފްލައިޓަށް އެރުމުގެ ކުރިން ތިބޭ ގޭޓުތައް އިތުރުކޮށް ޑޮމެސްޓިކާއި އިންޓަރނޭޝަނަލް ޓާމިނަލްގައި ޚިދުމަތްދޭ ކައުންޓަރުތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން މިހާރު ޑިޒައިންގެ މަސައްކަތް ނިންމާ، އެމަސައްކަތް މިހާރު އޮތީ ޓެންޑަރއިންގައި ކަމަށްވެސް އެމްއޭސީއެލުން މައުލޫމާތުދެއެވެ. އަދި ކުރިން އެއާޕޯޓުގައި، އަކުއާ ރެސްޓޯރެންޓު ހުރި ތަނުގައި އެއަރލައިންތަކުގެ އޮފީސް ކޮމްޕްލެކްސްއެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެމަސައްކަތްވެސް މިހާރު އޮތީ ޓެންޑަރިންގައިކަމަށް އެމްއޭސީއެލުން ބުނެއެވެ.މީގެ އިތުރުން އެއަރޕޯޓުގެ މާސްޓަރ ޕްލޭންގެ ދަށުން ތަރައްގީކުރުމުގެ މަސައްކަތް ކުރުމުގެ ކުރިން އެއާރޕޯޓުގެ ބައެއް ތަންތަން އެކި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިހާރު އިމާރާތްތައް ހަދާނިމި ފުރާޅުގެ މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެގޮތުން މި މަސައްކަތުގެ %60 މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.އަދި މިހާރު ހުރި ބައެއް އިމާރާތްތައް ތަޅާލުމުގެ މަސައްކަތްވެސް އަންނަމަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މޯލްޑިވްސް އެއާރޕޯޓުސް ކޮމްޕެނީ ލިމިޓެޑުން މައުލޫމާތުދެއެވެ.