ޚަބަރު

ޑރ.ޢަބްދުﷲ މައުސޫމަށް މަޖިލީހުން ރުހުން ދެއްވައިފި


ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 ވޯޓުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި މައުސޫމަށް ރުހުން ދެއްވުމަށް ކޮމިޓީން 2 ވަނަ ފަހަރަށް ފާސްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ފުރަތަމަ ފަހަރަށް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުއްވިނަމަވެސް އޭރު ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގެ ހުވާ ކުރެއްވީ، ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން ކަމަށް ވާތީ، އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރައްވަން މަޖިލީހުން ލަފާދެއްވިއެވެ. އެއީ ވަޒީރުން އެއްވެސް ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީ މަނާކުރާ ކަމަކަށް ވާތީއެވެ.

ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު އެންމެ ފަހުން ފުރުއްވި މައުސޫމަށް އަލުން ރުހުން ދެއްވުމަށް ސަރުކާރުގެ މަސްއޫލިއްޔަތުު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އިއްޔެ ނިންމީ މިދިޔަ އާދިއްތަ ދުވަހު އަލުން އެ މަގާމުގެ ހުވާ ކުރެއްވުމުންނެވެ.

ޑރ.މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް އައްޔަން ކޮށްފައިވަނީ އެމަޤާމުގައި ހުންނެވި އަލީ ވަހީދުގެ "ޖިންސީ ފުރައްސާރަ" މައްސަލަތަކާއި ގުޅިގެން އެމަޤާމުން އޭނާ ވަކިކުރުމުންނެވެ. މައުސޫމް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޑރ.ޢަބްދުﷲ މަޢުޞޫމްވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޓޫރިޒަމް އާއި ގުޅުން ހުރި ދާއިރާތަކުން ޑރ މައުސޫމް ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައްވަނީ ފުރުއްވާފައެވެ. މީގެއިތުރުން ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ބޯޑު މެންބަރުކަމުގެ މަޤާމުވެސް ޑރ މައުސޫމް ވަނީ ފުރުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ޑރ މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ލިބިފައެވެ. ޕީއެޗްޑީއަށް ޑރ މައުސޫމް ތައުލީމް ހާސިލްކުރެއްވީ "އެންކްލޭވް މައިކްރޯ އައިލެންޑް ޓުއަރިޒަމް" އިންނެވެ. ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ

މިވަގުތު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ މައުސޫމް ސިޔާސީ މައިދާނަށް ނުކުންނެވީ ޑިއާރުޕީންނެވެ. އޭގެ ފަހުން ރައީސް މައުމޫނާއި އަދި އެޕާޓީގެ ކުރީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ އާއިއެކުވެސް ޑރ މައުސޫމްވަނީ މަސައްކަތްކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުގެތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުގެ މަޤާމު ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން ވަކިކުރައްވާފައެވެ.