ޚަބަރު

ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލްނުވެ އިތުރުވަމުންދާނަމަ ސިއްޙީ ނިޒާމަށް ނުތަކާނެ


ރާއްޖެއިން ކޯވިޑް-19އަށް މީހުން ޕޮޒިޓިވްވާ މިންވަރު ދަށަށް ނުގޮސް، އިތުރުވަމުންދާނަމަ ސިއްޙީ ނިޒާމަށް ނުތަކާނެކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް ޓެގްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފް ވިދާޅުވީ ކިތަންމެ ގިނަ ހޮސްޕިޓަލްތައް ކޮވިޑަށް ބޭނުންކުރިނަމަވެސް، ކޭސްތަށް މިވަރަށް ގިނަވަމުންދާނަމަ ޚިދުމަތް ދޭން ދަތި ވާނެކަމަށެވެ.

މިވަގުތުވެސް ކޮވިޑް ފެސިލިޓީގެ %60 އެނދު ދަނީ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންކުރަމުންނެވެ.
އަދި އެކްޓިވް ކޭސްގެ ގޮތުގައި 2531މީހުންނަށް ފަރުވާދެމުންދާއިރު، މި އެންމެނަށް ފަރުވާދިނުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާކަމަށްވެސް ޑރ.ޢަލީ ލަޠީފް ވިދާޅުވިއެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންގެ އަދަދު މަދުވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.ޢަލީ ލަޠީފް ވިދާޅުވީ ރާއްޖޭގައިތިބި ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19ގެ ބަލި މީހުންނަށް އެކަނި ހުސްކޮށްފައި ނުބޭތިއްބޭނެކަމާއި، އެހެން ބަލިތަކުގެ ފަރުވާވެސް ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭކަމަށެވެ.

"ލާރި ހުރިއްޔާ އިކުއިޕްމަންޓް ގެނެވިދާނެ. އެކަމަކު އިންސާނީ ވަސީލަތެއް ނެތް. މުޅި ސިއްޙީ ނިޒާމުގައި މަސައްކަތްކުރާ މީހުން ތިބީ ވަރުބަލިވެފައި. ބައްޔަށްވެސް ޕޮސިޓިވްވޭ. ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ވަރަށް ދަތި މިހާރުވެސް." ޑރ. އަލީ ލަޠީފު ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ 500 ކޭސް ފެނުމަށް 56 ދުވަސް ނެގިއެވެ. ނަމަވެސް މިހާރު 500 ކޭސް ފެންނަން ނަގަނީ 3-4 ދުވަސްކަމަށް ވިދާޅުވެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ޕްރެސްކޮންފަރެންސްގައި ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ މިކަމުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަމަށެވެ. އަދި މިހާރު ބަލި ޖެހޭ މީހުން އިތުރުވަމުންދާ ސްޕީޑަށް ބަލާއިރު، މަސައްކަތް އެތަށް ގުނައަކުން ބުރަވެގެންދާނެކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ބުރަކޮށް އަރާމެއްނެތި މަސައްކަތުގައި އުޅުމުން ނަރުހުންނަށްވެސް ނަފްސާނީގޮތުންނާއި އަދި ޖިސްމާނީގޮތުންވެސް އެބަ އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ. ދެން ޑޮކްޓަރުންނަށްވެސް ހަމައެކަނި ކޮވިޑަށް ހުސްވެގެން ނުތިބެވޭނެ. ހަމަ އެހެން ބަލިތަށް، މިސާލަކަށް ހަރޓް އެޓޭކެއް ޖެހިގެން އަން މީހާއަށްވެސް ހަމަ މި ޑޮކްޓަރުން ފަރުވާދޭން ތިބީ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅުތައް ކޮންމެ ހަފްތާއަކުވެސް ރިވައިޒްކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކަކީވެސް އެއްވެސް ބަޔަކަށް އުނދަގޫ ކުރުމަށް އަޅާ ފިޔަވަޅުނޫންކަމަށާ، އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކެއް ކަމަށްވެސް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އަދި ކޭސްތައް އިތުރުވާނަމަ ރެސްޓޯރަންޓްތަކާއި، ފިހަރަކާއި ސްކޫލްތައް ބަންދުކޮށް، އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެކަމަށްވެސް ޓެގު ޓީމުން ވަނީ ވިދާޅުވެފައެވެ.