ކޯވިޑް-19އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ދަށަށް ނުގޮސް މިއަދުވެސް ސަތޭކައަށްވުރެ އިތުވެއްޖެއެވެ.
ރޭ އިރުއޮއްސި 18:00އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 119 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި 19 ބިދޭސީންނެވެ. މިއާއެކު ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 6779އަށް އަރާފައެވެ.
މާލެ ފިޔަވައި ރާއްޖޭގެ 22 ރަށަކާއި، 12 ރިސޯޓެއްގައި ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުން އެބަތިބިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެގެން މިވަގުތު ފަރުވާދެމުން އަންނަީ 2531 މީހަކަށެވެ. އެއީ 1968 ދިވެހިންނާއި، 563 ބިދޭސީންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 109 މީހުންވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4222އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިހާރު އިތުރުވަމުންދާ މިންވަރަށް އިތުރުވަމުން އައުމަކީ އެކަމުގެ ނުރައްކާ ބޮޑުވެދާނެކަމެއްކަމަށް ވިދާޅުވެ އެކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދެއްވާފައެވެ. އެހެންކަމުން ބަލިޖެހޭ މީހުންގެ ޢަދަދުތައް އިތުރުވާނަމަ ރާއްޖޭގެ ސިއްޙީ ނިޒާމަށް ނުކަތާ މިންވަރަށް ގޮސްދާނެތީ ބަލިން ރައްކާތެރިވުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.