ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުވި 1800 އަށްވުރެ ގިނަ މީހުން މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.
އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.ޕީ.އޭގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލޭ ސަރަހައްދުގައި މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު 41 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 21 ފަރާތަކަށް ނަސޭޙަތްތެރިވެ އިންޒާރުދީފައިވާކަމަށެވެ. ބޭރަށް ނުކުމެއުޅޭއިރު މާސްކް ނާޅާ އުޅޭ ފަރާތްތަކަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫރިމަނާކުރަން ފަށާފައިވާއިރު، މިހާތަނަށް ޖުމްލަ 884 މީހަކު އެކަމާ ޚިލާފުވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. އަދި މިހާތަނަށް 2444 މީހަކަށް ނަޞޭހަތްތެރިވެ އިންޒާރު ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކާފިޢު ވަގުތުގައި ބޭރުތެރެއަށް ނުކުމެ އުޅުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޖޫރިމަނާކުރި ފަރާތްތަކާއި، ނަސޭޙަތްތެރިވެ އިންޒާރުދެވުނު ފަރާތްތަކުގެ ތަފާސް ހިސާބުތައްވެސް ޑރ. އަފްޒަލް ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ރޭގަނޑު 22:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ބޭރުތެރެއަށް ނުކުމެ އުޅުނު 60 މީހަކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޖޫރިމަނާކޮށްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި 147 މީހަކަށް ނަޞޭހަތްތެރިވެ އިންޒާރުދީފައިވެއެވެ. އަދި މިމަހުގެ 4 އިން ފެށިގެން މާލޭ ސަރަޙައްދުގައި މަގުމައްޗަށް ނުކުމެ އުޅުން މަނާކޮށްފައިވާ ވަގުތުގައި ބޭރަށް ނުކުމެ އުޅުނު 951 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. 2418 މީހަކަށް މި މުއްދަތުގެ ތެރޭގައި ނަޞޭހަތްތެރިވެ އިންޒާރުދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއެކު ކޯވިޑް-19ގެ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ނުރައްކާވަނީ ބޮޑުވެފައެވެ. އެހެންކަމުން ދީފައިވާ ބައެއް ލުއިތައް ސަރުކާރުން އަލުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 22:00 އިން ފަތިހު 5:00އާ ހަމައަށް މަގުމައްޗަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެޗް.ޕީ.އޭގެ މި އެންގުންތައް ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފްވާ ފަރާތްތަކަށް ނަސޭހަތްދިނުމާއި ފިޔަވަޅުއެޅުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އުޞޫލުތަކާ ޚިލާފުވާ ފަރާތްތައް 1000 ރުފިޔާއިން އަންނަނީ ޖޫރިމަނާވެސް ކުރަމުންނެވެ.