ކޯވިޑް-19

ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 380އަށްވުރެ ގިނަ މީހުން މިދިޔަ ހަފުތާގައިވެސް ޖޫރިމަނާކުރި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭ ސަރަޙައްދުގައި ބޭރަށްނުކުމެ އުޅުން މަނާކޮށްފައިވާ ގަޑީގައި ބޭރުތެރޭގައި އުޅުނު 380އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން އިޢުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއެކު ކޯވިޑް-19ގެ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ، ނުރައްކާވަނީ ބޮޑުވެފައެވެ. އެހެންކަމުން ދީފައިވާ ބައެއް ލުއިތައް ސަރުކާރުން އަލުން ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 10:00 އިން ފަތިހު 5:00އާ ހަމައަށް މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެޗް.ޕީ.އޭގެ މި އެންގުންތައް ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ އުސޫލުތަކާ ޚިލާފްވާ ފަރާތްތަކަށް ނަސޭހަތްދިނުމާއި ފިޔަވަޅުއެޅުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޯގަސްޓްމަހުގެ 15 އިން ފެށިގެން 21ގެ ނިޔަލަށް ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 387 މީހަކު 1000 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި 899 މީހަކަށް ވަނީ ނަސޭޙަތްތެރިވެފައެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން ޖޫރިމަނާކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 120 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އެންމެ މަދުން މީހުން ޖޫރިމަނާކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ، އެ ދުވަހު ޖޫރިމަނާކޮށްފައިވަނީ 23 މީހެކެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލޭ ސަރަޙައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފެށުމާގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަލުން ވަރުގަދަކޮށްފައިވާއިރު، އާއްމު ސާފުތާޙިރުކަމަށް ޚާއްސަ ސަމާލުކަމެއްދީ، މަގުމައްޗަށް ނުކުމެ އުޅޭއިރުވެސް ގުރޫޕް ހަދައިގެން ނުނިކުތުމާއި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްނުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު 6500 އަށްވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލޭ ސަރަޙައްދުންނެވެ. އޭގެ ތެރެއިން 2527 މީހަކު މިވަގުތުވެސް ފަރުވާ ހޯދަމުންދާއިރު، 4012 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.