ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 6000 އިން މައްޗަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 170 މީހުންގެ ތެރެއިން 169 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުން ކަމަށެވެ. އަދި އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެއް ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 139 ދިވެހިންނާއި، ބަންގްލަދޭޝްގެ 23 މީހަކާއި، އިންޑިއާގެ 7 މީހެއްގެ އިތުރުން ސައުތު އެފްރިކާގެ އެކަކު ހިމެނެއެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު މިއަދު ވަނީ ނިޔާވެސްވެފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 24 އަށް އިތުރުވެފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 18 ރަށަކުން މިވަގުތު ފެނިފައިވާކަމަށެވެ. އަދި 13 ރިސޯޓަކުން 8 ފަތުރުވެރިއަކާއި 13 މުވައްޒަފަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 6079 އަށް އަރާފައިވާއިރު، މިއަދު މިބަލިން ރަނގަޅުވެފައިވަނީ 160 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 3648 އަށް އަރާފައެވެ. މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު މިވަނީ 2407 އަށް އަރާފައެވެ. އަދި 144 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޯވިޑް-19 އަށް ފަރުވާ ދިނުމަށްޓަކާ 1427 އައިސޮލޭޝަން ފެސިލިޓީއަށް ލާފައިވާއިރު، މި ބައްޔަށް ޓެސްޓްކުރުމަށްޓަކާ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 964 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިހާތަނަށް ޖުމްލަ 98،175 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ރާއްޖޭގައި ވަނީ ނަގާފައެވެ.