ޚަބަރު

ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ


ކޯވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

އެޗްޕިއޭއިން ވިދާޅުވީ، މިއަދު ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާއަކީ އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 24ވަނަ މީހާއެވެ. އަދި މިއީ މިބަލީގައި ނިޔާވި އެންމެ އުމުރުން ހަގު ދިވެހި މީހާއެވެ.

އޭނަ ނިޔާވެފައި ވަނީ މިއަދު ހެނދުނު 09:34 ހާއިރު އައިޖީއެމްއެޗުގައެވެ.

ރާއްޖެއިން ކޯވީޑް-19އަށް ޕޮޒިޓިވްވެ ނިޔާވި 24 މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ 18 މީހަކާއި، ބިދޭސީންގެ 6 މީހެކެވެ. ފަހަކަށް އައިސް ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލި މީހުން އިތުރުވަމުން ދިއުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު ފަހަކަށް އައިސް އިތުރުވެފައި ވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގައި މިބަލީގައި ނިޔާވާ މީހުންގެ އިތުރުވެދާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކޮށްފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާރުވެސް 138 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައި ވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ.

މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ.