ވިޔަފާރި

ސެޕްޓެމްބަރުމަހު ގެސްޓްހައުސްތައް ހުޅުވިއްޖެނަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ


ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ އަންނަ މަހު ދީފިނަމަ މި ސިނާއަތުގެ އާމްދަނީ %60 އާއި %80 އިތުރުވެގެންދާނެކަމަށް ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކުން ބުނެފިއެވެ.

ގެސްޓްހައުސްތަކުން މިހެން ބުނެފައިވަނީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސަރވޭއެއްގައެވެ.

ކޯވިޑް19އާ ގުޅިގެން ގެސްޓްހައުސްތައް ނުހުޅުވި ދިގުދެމިގެންދާތީ މިކަމުގައި ގެސްޓްހައުސްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ސަރވޭއެއް ކުރިއަށްގެންގޮސްފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 އަށްވުރެ ގިނަ ގެސްޓްހައުސް ވަނީ މި ސަރވޭގައި ބައިވެރިވެފައެވެ.

މި ސަރވޭ ރިޕޯޓުން ދައްކާގޮތުން އަންނަ މަހުގެ ތެރޭގައި ގެސްޓްހައުސްތައް ހިންގުމުގެ ހުއްދަ ލިބިއްޖެނަމަ ކުރިއަށްއޮތް 8 މަހާއި 10 މަހުގެ ތެރޭގައި ގެސްޓްހައުސްތަކުގެ އާމްދަނީ %60 އާއި %80 އިތުރުވެގެންދާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަރވޭގައި ގެސްޓްހައުސްތައް ހުޅުވޭނެ ވަކި ތާރީޙެއް އަދިވެސް ކަނޑައެޅިގެން ބުނަން ނޭންގޭތީ ގެސްޓްހައުސްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޯވިޑް19ގެ ސަބަބުން އާމްދަނީ ދަށްވެ ގިނަ އަދަދެއްގެ މުވައްޒަފުން ނޯ ޕޭއަށް ފޮނުވާލާ، ގެސްޓްހައުސްތައް އަލުން ހުޅުވައި ޙިދުމަތްދެވޭނެ ތާރީޙެއް ނޭނގޭގޮތަށް ބަންދުކޮށްފައިވާތީ ގެއްލުން ލިބޭނެކަމަށް ގެސްޓްހައުސްތަކުން ބުނެއެވެ. އަދި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަކަށްވުމުގެ ސަބަބުން އަލުން ވިޔަފާރި ފެށުމަށްވެސް ވަނީ ދަތިތަކަކާއި ކުރިމަތިލާންޖެހިފައިކަމަށް ގެސްޓްހައުސްތަކުން ވަނީ ބުނެފައެވެ.

ސަރވޭގައި ބައިވެރިވި ގެސްޓްހައުސްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ގެސްޓްހައުސް ހުޅުވޭނެ ތާރީހެއް ނޭންގުން ވެފައިވާއިރު، ސަރުކާރުން ކުރިން ކަނޑައަޅާފައިއޮތީ މިމަހުގެ ތެރޭގައި އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަ ދިނުމަށެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް19 ހަލުވިކަމާއިއެކު ފެތުރެމުންދާތީ ފަހުން ސަރުކާރުން ވިދާޅުވެފައިވަނީ ގެސްޓްހައުސްތައް ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރުމަހުކަމަށެވެ.

ގެސްޓްހައުސްތައް ހުޅުވުން ލަސްކުރުމާއި ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންވެސް މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގޭމްއިން ބުނީ އޮގަސްޓް 1 ގައި ގެސްޓްހައުސްތައް ހުޅުވާނެކަމަށް ކުރިން އިއުލާންކޮށްފައި އޮތުމުން ގެސްޓްހައުސްތަކުންވެސް ދިޔައީ ލިބޭވަރަކުން ބުކިންތައް ނަގަމުންކަމަށެވެ. ނަމަވެސް ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ނިންމުމުން އިތުރު ތަކްލީފްތަކެއް ގެސްޓްހައުސްތަކަށް ކުރިމަތިވެ މުޅި އިންޑަސްޓްރީއަށް ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.