ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްޙީ ވަސީލަތްތައް ހޯދުމުގައި މަކަރާއި ޙީލަތް ހަދާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާތީ، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ބަލައި ފަސްނުޖެހި ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވާގޮތުން ހެލްތު މިނިސްޓްރީން ވަނީ ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ވެންޓިލޭޓަރުގަތުމަށް އެކި ފަރާތްތަކާ ޙަވާލުކޮށްފައެވެ. އޭގެތެރެއިން 75 ވެންޓިލޭޓަރު ގަތުމަށް ޙަވާލުކުރި ދުބާއީގެ ކުންފުންޏަކާއެކު ކުރި މުޢާމަލާތާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓުގައިވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން ވެންޓިލޭޓަރުތަކުގެ އަގުގެ 75 އިންސައްތަ ދައްކާތާ 29ދުވަހުގެ ތެރޭގައި ތަކެތި ސަޕްލައިކޮށް ނިންމަންޖެހެއެވެ. ހެލްތު މިނިސްޓްރީންވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ އަގުގެ 90 އިންސައްތައަށް ވާ ފައިސާ ދައްކާފައެވެ. އެހެންނަމަވެސް އޮޑިޓް ރިޕޯޓު އެކުލަވާލިއުރު، މިމުއްދަތު ފަނައަޅައިގޮސް ޖުމުލަ ހަތަރުމަސް ދުވަސް ފާއިތުވެފައިވާކަމަށާ، ކަނޑައެޅިފައިވާ ޢަދަދަށް ވެންޓިލޭޓަރު ލިބިފައި ނުވާކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ވެންޓިލޭޓަރު ގަތުމަށް އަގުބެލި ފަރާތްތަކާމެދު ވާދަވެރި އުސޫލަކުން ޢަމަލުކޮށްފައި ނުވާކަމަށާއި ހުރިހައި ފަރާތްތަކަށް ހަމަހަމަ ފުރުޞަތުވެސް ދީފައިވެސް ނުވުން ހިމެނެއެވެ.
އޮޑިޓް ރިޕޯތްގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރަށް އޮޑިޓް ރިޕޯޓް ރަސްމީކޮށް ލިބުމުން، އެރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިޔާއަތްކޮށް ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު އެއްވެސް ފަސްޖެހުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ވެންޓިލޭޓަރުތަކުގެ މައްސަލަތަކަށް އިޝާރާތްކޮށް، ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން ކުރިން އެކުލަވާލި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން އޭރު ހާމަކުރެއްވީކަމާގުޅުންހުރި ވުޒާރާތަކުން ހިއްސާކުރި މަޢުލޫމާތުތައްކަމަށެވެ. އަދި އެވަގުތު ލިބުނު މަޢުލޫމާތުތައް ކަށަވަރުކުރަން މަސައްކަތްކޮށްފައިވާނެކަމަށާއި އެގޮތުން ކުންފުނިތަކުގެ ނަމާއި، ތާރީޚާއި، ހޭދަވާނެ ފައިސާގެ އަދަދުތަކަކީވެސް އެކަމާ ގުޅުންހުރި ވުޒާރާތަކުން ފޯރުކޯށްދިން މަޢުލޫމާތުތައްކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވިއިރު، ކޯވީޑާއި ގުޅޭގޮތުން މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އެންމެ ގިނައިން ސުވާލު އަމާޒުކޮށްފައިވަނީވެސް ރާއްޖެއަށް ގެނައުމަށް ސަރުކާރުން އިޢުލާންކޮށްފައިވާ ވެންޓިލޭޓަރުތަކާ ގުޅޭގޮތުންނެވެ.