ކުޅިވަރު

ތ. ދިޔަމިގިލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ތ.ދިޔަމިގިލިގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން މި ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލޯންސްޓާރ ޕްރައިވެޓް ލިމިޓެޑާއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތައް ސަރުކާރުގެ ބަޖެޓުން ފަސްލައްކަ އަށްޑިހާސް ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ދިޔަމިގިލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ދިޔަމިގިލި ކައުންސިލާއި އެރަށުގެ ޒުވާނުން ބޭނުންވި ގޮތަށް އެ ރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. މަހްލޫފް ވިދާޅުވީ ގިނަ ރަށްތަކެއްގައި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ނިންމާ ބޭނުން ކުރަން މިހާރު ފަށާފައިވާކަމަށެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ކުރިޔަށްދާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މަޙްލޫފް ވިދާޅުވީ ފުޓްސަލް ދަނޑުތައް އަޅަމުންދާތީ ބައެއް ފަރާތްތަކުން ފާޅުކުރާ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި، އެހެން ކުޅިވަރުތަކަށް ވެސް ބޭނުންވާ ފެސިލިޓީތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ތ.ދިޔަމިގިލީގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާއިރު މިދިޔަ ހަފްތާގެ ތެރޭގައި ބ.ކުޑަރިކިލުގައި ސަރުކާރުން އެޅި ފުޓްސަލް ދަނޑުގެ މަސައްކަތްވެސްވަނީ ނިންމާލާފައެވެ.