ޚަބަރު

ޓޫރިޒަމް މިނިސްޓްރީން ކުރަންނުޖެހޭ ކަންތައްތަަކަށް 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ: އޮޑިޓް ރިޕޯޓް


ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތުގެ ދަށުގައި ނުހިމެނޭ ކަންތައްތަކަށް 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކުރި ޚަރަދުތަކާއި ގުޅޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެމުއްދަތުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ ޢަލީ ވަޙީދެވެ.

އޮޑިޓް ރިޕޯޓްގައި ކޯވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ އެމިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫންކަމާއި، އެ ކަންކަން ކުރުމުގެ ޒިންމާ އާއި ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޖުމުލަ 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ %99 އަކީ އެމިނިސްޓްރީގެ މެންޓޭޑުން ބޭރުން ކޮށްފައިވާ ޚަރަދުތަކެއްކަމަށް ވަނީ ބުނެފައެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތުގެ ޓްރަސްޓް ފަންޑުން ކުރާ ހުރިހާ ޚަރަދެއްގެ ހުއްދަދޭނީ ފަންޑުގެ ހިންގާ ކޮމިޓީންކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް އެ ފަންޑުން ކޯވިޑް-19 އާ ގުޅިގެން ކުރި އެއްވެސް ޚަރަދުކުރީ ކޮމިޓީން ފާސްކޮށްގެން ނޫންކަމަށް އޮޑިޓްގައި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ކޯވިޑް-19 އާގުޅިގެން އެ ފަންޑުން ޚަރަދުކުރި މައިގަނޑު ކަންތައްތަކާއި، އެ ކަންތައްތަކާއި ގުޅިގެން ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކުން ދައްކާ ޚަރަދުގެ ތަފްޞީލުތައްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

އޯޑިޓް ރިޕޯޓްގައިވާ ގޮތުން ކޯވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ރާއްޖޭގެ އެކި އެއަރޕޯޓުތަކުގައި ތަރމަލް އިމޭޖިން ކެމެރާ ސިސްޓަމްތައް ބަހައްޓާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑުން ޚަރަދުކޮށްގެންނެވެ.

ހަނމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކެމެރާ ބެހެއްޓުމަށް ޖުމުލަ 2،361،340 ( ދެ މިލިއަން ތިން ސަތޭކަ ފަސްދޮޅަސް އެއް ހާސް ތިން ސަތޭކަ ސާޅީސް ) ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއަރޕޯޓު ތަކަށް މިފަދަ ތަކެތި ހޯދުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ މެންޑޭޓުގައި ހިމެނޭ ނުވަތަ މިނިސްޓްރީގެ ދާއިރާއާ ގުޅޭ ކަމަކަށް ނުވާއިރު، މިކަހަލަ މަޝްރޫއުއެއް ހިންގުމުގައި މިކަމުގެ ތަޖުރިބާ ހުރި ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާއި މަޝްވަރާކޮށް އެ ފަރާތްތަކުގެ ލަފާ ހޯދާފައި ވެސް ނުވާކަންވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

ކެމެރާތައް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދަ އެއްބަސްވުމެއްގައި އެ މަސައްކަތް ކުރި ފަރާތާއެކު މިނިސްޓްރީން ސޮއިކޮށްފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި މިކަމާ ގުޅޭ ގޮތުން އެސް.އެސް.އައި އިން ތައްޔާރުކޮށްފައިވާ ލިޔުމުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވެ ސޮއިކޮށްފައި ވިޔަސް، މިނިސްޓްރީގެ ފަރާތުން އެ ލިޔުމުގައި ހިމެނުމަށް (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ހިމަނަންޖެހޭ ފަދަ ) އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވެއެވެ. އެހެންކަމުން، މި މަސައްކަތާ ގުޅޭގޮތުން ސޮއިކޮށްފައިވާ ލިއުމަކީ، މަސައްކަތާ ޙަވާލުވި ފަރާތުގެ މަސްލަހަތަށް ބުރަވާގޮތަށް އެ ފަރާތުން އެކުލަވާލައިފައިވާ ލިއުމެއްކަން ފާހަގަކުރެވޭކަމަށްވެސް އެ ރިޕޯޓްގަވެއެވެ.

މީގެއިތުރުން ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލުމަށް ހަ މެންބަރުންގެ ޓީމެއް ރާއްޖެއިން ބޭރުން ގެނެސްފައިވާކަމަށާއި އެ ޓީމްގެ ޕްރޮފެޝަނަލް ފީއެއްގެ ގޮތުގައި 7.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކ. ވިލިވަރުގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް ކުރި ހަރަދުތަކާއި ގުޅޭ ބައެއް މައްސަލަތައްވެސް އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ. މިގޮތުން 2،183،600( ދެ މިލިއަން އެއް ސަތޭކަ އަށްޑިހަ ތިން ހާސް ހަ ސަތޭކަ) ރުފިޔާގެ މި މަ ސައްކަތް ޙަވާލުކުރި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބިޑް ކޮމެޓީން މި މަސައްކަތް ހަވާލުކުރަން ނިންމައި ހުއްދަ ދިނުމުގެ ކުރިންކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ ކަން ހިނގާފައިވާ ގޮތް ނޫން މަންޒަރެއް ލިޔެކިޔުމުން ދައްކަން އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަމަށެވެ.

އެހެންކަމުން ކޯވިޑް-19 އާގުޅިގެން ޓްރަސްޓް ފަންޑުން ޚަރަދުކުރުމުގައި، ސިންގަލް ސޯރސްކޮށް ޙަވާލުކޮށްފައިވާ ކަންތައްތަކުގައި އިތުރު ފަރާތްތައް ޝާމިލު ކުރުމުގެ ސަބަބުން، ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރަންޖެހިފައިވުމާއި، މަސައްކަތްތައް ކުރުވި ގޮތް ނޫން
މަންޒަރެއް ލިޔެކިއުމުން ދައްކަން މަސައްކަތް ކޮށްފައިވާތީއާއި، ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް
ދެއްކުމަށް ޓަކައި ލިޔެކިއުންތައް ފަހުން ތައްޔާރުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ މިކަންކަން އިތުރަށް ތަހުގީގުކުރުމަށްވެސް އޮޑިޓް ރިޕޯޓްގައިވަނީ އަންގާފައެވެ.