ޚަބަރު

ކޯވިޑް-19 : އިތުރު ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑް-19އިގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ޢުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މީނާއަކީ އައިޖީއެމްއެޗަށް އިއްޔެ ގެންގޮސް އެހޮސްޕިޓަލުގެ އީއާރުގަ ފަރުވާ ދެމުންދިޔަ މީހެއް ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 20ވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރުކަމަށެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 14 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. ހޮސްޕިޓަލުގައި މިވަގުތު އެޑްމިޓްކޮށްގެން 145 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.

ކޯވިޑް-19އަށް މިހާތަނަށް ރާއްޖޭގައި 5157 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.