މިދުވަސްވަރަކީ ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިކަމަށް އާންމު ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިދުވަސްވަރު ކުރަމުންދާ ގަދަ ވިއްސާރައިގައި ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަށް އުދަ އެރުމުގެ ސަބަބުން ބައެއް އާންމުންގެ ގެދޮރަށާއި ތަކެއްޗަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ.މިގޮތުން ކަމާބެހޭ މުޢައްސަސާތަކާ ބައްދަލުކޮށް، މިވިއްސާރައާ ގުޅިގެން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ހޯއްދަވަމުން ގެންދަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި މިވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކުގެ ހިތާމައިގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުވަދުއަތޮޅު ދެކުނުބުރީ ގައްދުއަށް އުދައަރައި ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ ގޯތި ގެދޮރަށާ މުދަލަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ފުލުހުންނާއި ރަށުގެ ރައްޔިތުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.އިއްޔެ ހަވީރު ގައްދުއަށް ރާޅުއެރުމުގެ ސަބަބުން ރަށުގެ ބައެއް ސަރަޙައްދުތަކުގައި ލޮނުގަނޑު ބޮޑުވެފައިވެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުންވެސް އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅު ތަކަށް ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށާއި، ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މޫސުމާއިބެހޭ އިދާރާއިން ލަފާކުރެއެވެ.މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ދެކުނުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.