ފާއިތުވި 50 އަހަރުދުވަހު ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނާއި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުން ބައްދަލުކުރަން ނިންމަވައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ ކޯވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުން ޢާންމު ޞިއްޙަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާގޮތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތް ދެނެގަނެ، އެކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިންނެވެ.
މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކޯވިޑް-19އާ ގުޅޭ ކަންކަން ބެލުމަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ އިދާރީ މޭޒުން މިހާރު ފަށާފައިވާ ކަމަށެވެ.
މި މައްސަލަ ދިރާސާކުރެއްވުމުގެގޮތުން ބައެއް ޑޮކްޓަރުންނާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ބޭފުޅުންނާއި، ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބޭފުޅުންނާއި ކޮމެޓީން ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ވޭތުވެދިޔަ 50 އަހަރު ރާއްޖޭގައި ޕަބްލިކް ހެލްތް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ތިބި ފަރާތްތަކާއި، މިނިސްޓަރ އޮފް ހެލްތުގެ މަޤާމު ފުރުއްވި ބޭފުޅުންނާއި، ކަމާގުޅުންހުރި ޖަމްޢިއްޔާތަކާއި، ހެލްތް ސެންޓަރުތަކާއި، ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫންވެސް ކަމާގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކުރައްވާފައެވެ.
މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރު ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާތީ، ސަރުކާރުން ދާދިފަހުން ވަނީ ފުރަބަންދުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އާއްމުން އެއްވެއުޅޭ މިންވަރު ވީހާވެސް މަދުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އިތުރުވެފައިވާތީ، މިހަފްތާގައި ބާއްވަން ނިންމި ޖަލްސާ ނުބާއްވައި އަންނަ ހަފްތާއަށް ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.