ވިޔަފާރި

ޖޫންމަހުގެ ނިޔަލަށް ބަދަލުގެ ގޮތުގައި އަމާނަތަކާފުލްއިން 16.2 މިލިއަން ރުފިޔާ ދޫކޮށްފި


ޖޫންމަހުގެ ނިޔަލަށް 16.2 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް ދޫކޮށްފައިވާކަމަށް އަމާނަތަކަފުލްއިން ބުނެފިއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ހަމައެކަނި ފުލީފްލެޖު އިސްލާމީ އިންޝުއަރަންސް ޚިދުމަތްދޭ ކުންފުންޏެވެ. ޖޫންމަހުގެ ނިޔަލަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމަރުންނަށް 16.2 މިލިއަން ރުފިޔާ އެކުންފުނިން ދޫކޮށްފައިވާއިރު މީގެ ބޮޑުބައެއް ދޫކޮށްފައިވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

އަމާނަތަކަފުލްގެ "ކޯވިޑް19 އިންޕެކްޓް އެސެސްމަންޓް ރިޕޯޓް" ގައި ބުނެފައިވަނީ އޭޕްރީލް އަދި މޭމަހުގެ ތެރޭގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށެވެ. މިދެމަހު ގެއްލުމުގެ ބަދަލަށް އެދިފައިވާ ފަރާތްތައް މަދުވެފައިވާ މައިގަނޑު ސަބަބެއްކަމަށް އެ ކުންފުނިން ބުނަނީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ފުރަބަންދުގެ ސަބަބުންކަމަށެވެ. އަދި މި މުއްދަތުގައި އިޤްތިޞާދީ ހަރަކާތްތައްވެސް މަޑުޖެހިފައިވުމަކީ މިކަމުގެ ސަބަބެއްކަމަށް އަމާނަތަކަފުލްއިން ބުނެއެވެ.

އޭޕްރިލް އަދި މެއިމަހު ބަދަލަށް އެދޭ ފަރާތްތައް މަދުވެފައިވީނަމަވެސް ޖުލައިމަހު އަނެއްކާވެސް މަޑުމަޑުން ބަދަލަށް އެދޭ ފަރާތްތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި ކުރިން އޮތް ހާލަތަށް ދެވޭނީ އިޤްތިޞާދު ރަނގަޅުވެ، އާންމު ދިރިއުޅުމަށް ރުޖޫއަވާން ފެށުމުންކަމަށްވެސް އަމާނަތަކަފުލްއިން ބުނެއެވެ.

އަމާނަތަކަފުލްގެ "ކޯވިޑް19 އިންޕެކްޓް އެސެސްމަންޓް ރިޕޯޓް"ގައިވާގޮތުން ކޯވިޑް19 ގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރިއަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން 2 ވަނަ ކުއާޓަރުގައި އިންޝުއަރެންސްގެ ބައެއް ކްލާސްތަކުން ލިބުނު އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް ފަޔަރ އަދި މެޑިކަލް އިންޝުއަރެންސް އިން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ކޯވިޑް19އާ ގުޅިގެން އެ ކުންފުނިން ވަނީ މިއަހަރަށް ކަނޑައެޅި ބަޖެޓް އަލުން މުރާޖަޢާ ކޮށްފައެވެ. އަދި މިއަހަރުގެ 2 ވަނަ ކުއާޓަރުގައި މުރާޖަޢާކުރި ބަޖެޓްގެ 95 އިންސައްތަ ޙާސިލްވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

2 ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ދަށްވިނަމަވެސް ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ރަނގަޅުކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމާނަތަކަފުލްއަށް ލިބުނު އާމްދަނީ %19 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ހަލް އިންޝުއަރެންސް ފިޔަވައި ފުރަތަމަ ކުއާޓަރުގައި އިންޝުއަރެންސްގެ ހުރިހާ ކުލާހަކުންވެސް ރަނގަޅު ކުރިއެރުމެއް ވަނީ ހޯދާފައެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރުވެސް 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޝުއަރެންސް ސިނާއަތް ވަނީ %3 ކުރިއެރުމެއް ހޯދާފައެވެ.