ވިޔަފާރި

ދިވެހި އުފެއްދުންތަކަށް ޚާއްސަ ލޯގޯ ޑިސެމްބަރުގައި ތައާރަފްކުރަނީ


ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލޯގޯ މިއަހަރުގެ ޑިސެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2015"ގައި ތައާރަފްކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ. މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ، "މޭޑް އިން މޯލްޑިވްސް" ނުވަތަ ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ އަމިއްލަ ލިޔުމެއް ޖަހައިގެން ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުން އުފެއްދުމަށްފަހު، ރާއްޖެއަށް އިމްޕޯޓް ކުރުމަކީ މިހާރުވެސް ޤާނޫނީގޮތުން ކުށެއް ކަމަށާއި، މިހާތަނަށް އެކަން އެންމެ އެކަށީގެންވާގޮތުގައި ބެލެހެއްޓިފައިނުވާކަމަށެވެ. ނަމަވެސް އަލަށް ތަޢާރަފުކުރާ މިލޯގޯއާއެކު ރާއްޖޭގެ އުފެއްދުންތައް ރާއްޖޭން ބޭރުން އުފެއްދުމަށްފަހު އެތަކެތި އަލުން އަބުރާ ރާއްޖެއަށް އިމްޕޯޓްކުރާއިރު ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދިނުމަށް މިނިސްޓްރީންދޫކުރާ ލޯގޯ ފިޔަވާ، އިތުރު ލޯގޯއެއް ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި، އެކަމާގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގެ ކޮމިޓީގެ މެމްބަރު މުސްތަފާ އަބްދުލްޤަފޫރު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތަކަށް ޚާއްސަ ލޯގޯއެއް ތަޢާރަފުވުމާއެކު، ރާއްޖޭގެ އުފެއްދުންތައް ބޭރު ޤައުމުތަކުގައި އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި މަސައްކަތްތެރިންނަށް އެފަރާތްތަކުން އުފައްދާ އުފެއްދުމުގެ ހަމަ އަގު ލިބިގެންދާނެކަމަށް މުސްތަފާ ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ބާވިސް ވަނަ ދުވަހު ދަރުބާރުގޭގައެވެ.