ޚަބަރު

ޝަރީއަތަށް 10 އަހަރަށްފަހު ކުރީގެ ލޯބިވެރިޔާ 12 އަހަރަށް ޖަލަށް


މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލައިގަ ދައުލަތުން ދައުވާކުރި މުހައްމަދު ނަޖާހްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މީގެ 10 އަހަރު ކުރިން، ޑިސެމްބަރު 2009 ގައި މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި ޝީރީން މަރުވެ ކުނިވެފައި އޮއްވައި ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ޝިރީންގެ މަރާއި ގުޅިގެން އެނާގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ މުހައްމަދު ނަޖާހް މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ މައްސަލަ 2015 ވަނަ އަހަރު ކުރިމިނަލްކޯޓުން ނިންމީ އެ ދައުވާ ސާބިތުނުވާކަމަށެވެ.

ދަށުކޯޓުގެ ނިންމުން ބިނާކުރި އަސާސް

ދަށު ކޯޓްގެ ނިންމުމުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ އާއި އެވީޑިއޯ އިން ފެންނަ ފޮއްޓާއި އެފޮށިން ފެނިފައިވާ ޑީ.އެން.އޭ ޕްރޮފައިލް މުޙައްމަދު ނަޖާޙުގެ ޕްރޮފައިލްއާ ދިމާވުމާއި މީގެއިތުރުން ހުށަހަޅާފައިވާ ކަންކަމަކީ ހަރުދަނާ ޤަރީނާ ތަކެއް ނަމަވެސް، ދައުލަތުން މުޙައްމަދު ނަޖާޙު ގެ މައްޗަށް ކޮށްފައިވަނީ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކަމަށްވެފައި، މަރްޔަމް ޝިރީން މަރުވެފައިވާ ގޮތުގެ ޙަޤީޤަތް ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް ވާއިރު، މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލު ކުރެވޭ ސަބަބުތަކެއް ހުރުމާއެކު، އެމީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެމީހަކީ ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ )އ( ގައި ބަޔާންކޮށްފައިވާއިރު، ޝައްކުތައް ފިލުވާލައި ޔަޤީނަށް ވާޞިލުވާން އޮތް ވަސީލަތުގެ ބޭނުން ކޮށްފައިނުވާކަމަށެވެ. އެހެންކަމުން ނަޖާޙުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށްސާބިތުނުވާކަމަށެވެ.

ހައިކޯޓްގެ ނިންމުން، ޝީރީން ކޮޓަރިން ނުކުތްކަމަށް ނަޖާޙު ބުނާ ވާހަކަ

މަރްޔަމް ޝީރީން ދިރިހުރި އިންސާނެއްގެ ގޮތުގައި، މުޙައްމަދު ނަޖާޙުއާއެކު ކޮޓަރިއަށް ވަތްކަން ޔަޤީނީ ޢިލްމުން އެނގެން އޮތްއިރު، މުޙައްމަދު ނަޖާޙުއަށް އެނގިގެން، މަރްޔަމް ޝިރީން އެކޮޓަރިން ނިކުމެގެން ދިޔަކަމަށް ބުނެ މުޙައްމަދު ނަޖާޙު ނަގާ ދިފާޢުއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން މަދަނީ މިންގަނޑަށް މުޙައްމަދު ނަޖާޙު ސާބިތުކޮށްދޭންޖެހޭނެ ދިފާޢުއެއްކަމަށް ހައިކޯޓްގެ ނިންމުމުގައިވެއެވެ. ނަމަވެސް މުޙައްމަދު ނަޖާޙު ތަޙްޤީޤަށް ޙާޟިރު ކުރުމުން ވަނީ ހަނު ހުރެފައެވެ. މި ޙާދިޘާއާ ގުޅިގެން، މަރްޔަމް ޝީރީންގެ މަންމަ ގާތުގަ އާއި މިރުފަތު ޙަނީފުގެ ގާތުގައި މުޙައްމަދު ނަޖާޙު ކިޔައިދިން ކިޔައިދިނުމާބެހޭ ގޮތުން އިތުރަށް އެއްވެސް ތަފްޞީލެއްދީފައެއް ނުވާކަންވެސް ހައިކޯޓްގެ ނިންމުމުގައިވެއެވެ. އެހެންކަމުން، ހަރުދަނާ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ވިޔަސްނެތި، މުޙައްމަދު ނަޖާޙު ބުނާ ބުނުމަކީ ޝަރީޢަތަށް ބުރަދަން ދެވޭނެ ބުނުމެއް ނޫންކަމަށާއި މިޙާލަތުގައި މުޙައްމަދު ނަޖާޙު ދައްކާ ވާހަކަތައް ވެގެންދަނީ ، އަސާސެއްނެތް ވަހުމީ ޝައްކެއްކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

ޝީރީން މަރާލީ ނަޖާހުތޯ އުފެދޭ ސުވާލު

މަރްޔަމް ޝީރީން މަރުވީ ކިހިނެތްކަން އެނގޭކަށް ނެތެވެ. ޖަހައިގެންތޯ، ނޭވާހާސްކޮށްގެންތޯ ނުވަތަ ވިހައެއް ދީގެންތޯ މިއިން އެއްވެސް ކަމެއް ސާފުކޮށް އެ ނގޭކަށް ނެތެވެ. މަރްޔަމް ޝީރީންގެ ޕޯސްޓްމޯޓަމް ހެދިފައި ނެތުމުން، އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ވަގުތެއް، ނުވަތަ އޭނާގެ ސިކުޑީގެ މަސައްކަތް ހުއްޓުނު ވަގުތެއް ނުވަތަ އެނާގެ ނޭވާލުން ހުއްޓުނު ވަގުތެއް އަދި މަރުވި ސަބަބެއް ދެނެގަނެވިފައެއް ނެތެވެ. ނަމަވެސް މަރްޔަމް ޝީރީން މަރުވެފައި އޮތްކަން ޔަޤީނީކޮށް އެނގެއެވެ. ޕޯސްޓްމޯޓަމް ނުހެދިނަމަވެސް، ޔަޤީންވާ ކަމަކީ މަރްޔަމް ޝީރީން މަރުވެއްޖެކަމެވެ. މަރްޔަމް ޝިރީން މަރުވެފައި އޮއްވާ ފެނުނީ މ.އަންގާގިރި ތެރޭގައިކަމެވެ. އެހެންކަމުން، މަރާލި ސިފަ ނުވަތަ ކައިފިއްޔަތު އެނގެން ނެތްނަމަ ވެސް، މަރާލާފައި އޮތްކަން އެނގެއެވެ. އެކަންކުރީ، މުޙައްމަދު ނަޖާޙުކަން އެބަހީ ފާޅުވެ ފެންނާން އޮތް ޤަރީނާތަކުން އެގޭކަން ހައިކޯޓްގެ ހުކުމުގައިވެއެވެ.

ނަޖާހަށް މިނިވަނެއްގެ ގޮތުގައި ކޯޓުން ނުކުމެވިދާނެތޯ

މިޙާލަތުގައި މުޙައްމަދު ނަޖާޙަށް މިނިވަނެއްގެ ގޮތުގައި ކޯޓުން ނިކުމެގެން ދެވިދާނެ ކަމަށް އިސްލާމީ ފިޤުހުގައި މަރުބެހިފައިވާ ބައިތަކާއި، އަދި މިދަޢުވާ އުފުލިފައިވާ ޤާނޫނީ ނައްސައް ބަލާއިރު ބުރައެއް ނުވޭކަމަށް ހައިކޯޓްގެ ނިންމުމުގައި ވެއެވެ. މިމައްސަލައިގައި، މަރްޔަމް ޝިރީން މަރާލުމަށްފަހު، މ.ކުރާހާގެއިން މ.އަންގާގިރިއަށް ގެންގޮސް އެއްލާލީ މުޙައްމަދު ނަޖާޙު ކަން އެނގެން އޮވެއެވެ. ސާފުނުވާ ކަމަކީ، މަރްޔަމް ޝިރީން މަރުވެގެން ދިޔައީ، މުޙައްމަދު ނަޖާޙު މެރުމުގެ ޤަޞްދުގައި ކުރިކަމުންތޯ ނުވަތަ ނޫންތޯއެވެ؟ އެކަން ދައުލަތުން ހުށަހެޅި ހުށަހެޅުންތަކުންވެސް ސާފުވާކަށް ނެތެވެ.

މުޙައްމަދު ނަޖާޙު މަރްޔަމް ޝިރީނާ ދެކޮޅަށް ހިންގި ޢަމަލު ހިންގުމުގައި، ދެކޮޅުވެރިކަން އޮތްކަން އެނގޭ ސަބަބުތައް ޝަރީޢަތަށް ހުށަހެޅިފައި ހުރިކަން ހައިކޯޓްގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ. އެހުށަހެޅުންތަކުން މުޙައްމަދު ނަޖާޙު މަރްޔަމް ޝީރީނާ މެދު ޢަމަލު ކުރަމުން އައިގޮތް ދެނެ ގަނެވޭކަމަށާއި. ހެކިންގެ ހެކިބަހުން، މުޙައްމަދު ނަޖާޙު މަރްޔަމް ޝިރީންއަށް އޭގެ ކުރިންވެސް އަނިޔާ ކުރަނިކޮށް ފެނިފައިވާކަން އެނގޭކަންވެސް ހައިކޯޓްގެ ނިންމުމުގައިވެއެވެ.

ހައިކޯޓްގެ ނިންމުން

ދަށުކޯޓުގެ ހުކުމް ބާތިލުކޮށް ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވަނީ ލ.ކަޅައިދޫ އޯޝަންވިލާ މުޙައްމަދު ނަޖާޙްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްފައިވާ ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، ޤަޞްދުމަރާއި ވައްތަރުގެ މަރު ޝަރީޢަތަށް ސާބިތުވާކަމަށެވެ.

މިކުށުގެ ތައުޒީރީ ޢުޤޫބާތެއްގެ ގޮތުން، މުޙައްމަދު ނަޖާޙު 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، މަރިޔަމް ޝީރީންގެ ވާރިޘުންގެ ފަރާތުން މަރުގެ ދިޔަ މަޢާފު ނުކުރާހާ ހިނދަކު، މަރިޔަމް ޝިރީންގެ މަރުގެ ދިޔައަކީ ނަޖާހުގެ އަމިއްލައަށް ދޭން އޮތް ދިޔައެއްކަމާއި، އެދިޔަ ލިބިގަތުމަށް، މަރިޔަމް ޝީރީންގެ ވާރިޘުންނަށް ދަށުކޯޓުގައި ދަޢުވާ ކުރުމުގެ ޙައްޤު އޮތްކަން އަންގާ، ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުގެ 02 މަސްދުވަހު ރޯދަ ހިފުމަށްވަނީ ޙުކުމް ކޮށްފައެވެ. އަދި ދެ މަސްދުވަހު ރޯދަހިފުމަކީ، މުޙައްމަދު ނަޖާހް ކުޅަ މިބޮޑު ފާފައިން ތައުބާވުމަށް އޮތް މަގެއްކަމަށްވެސް މި ހުކުމްގައި ވަނީ ފާހަަކޮށްފައެވެ.

މަރާލުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނު ޝީރީންގެ މަރުގެ މައްސަލައިގަ ދައުލަތުން ދައުވާކުރި މުހައްމަދު ނަޖާހްގެ މައްޗަށް އެ ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި ދައުލަތުން ފޮރެންސިކް ހެއްކާއި ޑީއެންއޭ ރިޕޯރޓްތަކުގެ އިތުރުން ޝީރީން މަރާލުމަށްފަހު އުފުލިކަމަށް ބުނާ ފޮށި ނަޖާހް ހިފައިގެން މަގުމަތިން ދަތުރުކުރި ވީޑިއޯ ފުޓޭޖްތައްވެސް ދައުލަތުން ހެކީގެ ގޮތުގައި ހުށައަޅާފައިވެއެވެ. އެހެންނަމަވެސް ނަޖާހް ޝީރީން މަރާލިތަން ދުށްކަމަށް ބުނެ އެކަކުވެސް ހެކިބަސް ދީފައެއްނުވެއެވެ.

މަރާލުމަށްފަހު މާފަންނުކޮޅުގައި ހަދަމުންދިޔަ އިމާރާތެއްގެ ތެރޭގައި ހުރި ކުނިތަކެއްގެ ތެރެއަށް ޝީރީންގެ ހަށިގަނޑު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ތިންދުވަސްވީ ފަހުންނެވެ. އޭނާ ގެއްލުމާއި ހަމައަށްވެސް އުޅެމުންދިޔައީ ނަޖާހްއާއިއެކު އެއްތަނެއްގައިކަމަށް ބުނެ މި މައްސަލައިގަ ބައެއް މީހުން ހެކިބަސްވެސް ދީފައިވެއެވެ.