ޚަބަރު

މާލެ ފިޔަވައި 10 ރަށަކުން ކޯވިޑް19 ކޭސްތައް ފެނިފައިވޭ- އެޗްޕީއޭ


މާލޭގެ އިތުރުން ރާއްޖޭގެ 10 ރަށަކުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މާލެ ފިޔަވާ ރާއްޖޭގެ 10 ރަށަކުން ކޯވިޑް-19ގެ ކޭސްތައް ފެނިފައިވާއިރު، މިއީ ފުރަބަންދަށް ދިން ލުއިތަކާއެކު މާލެއިން ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ކަނޑައެޅުމުން ކޭސްތައް ފެނުނު ރަށްތަކެވެ. މީގެ ތެރެއިން ޕޮޒިޓިވް ގިނަ މީހުންނަކީ މާލެއިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިއްބާ ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

ކޯވިޑް ކޭސްތައް ފެނި މޮނީޓަރިންގައިވާ ރަށްތައް

- ހއ.ކެލާ
- ހއ.އިހަވަންދޫ
- ބ.އޭދަފުށި
- ބ.ކަމަދޫ
- ސީސައިޑް ފިނޮޅު
- ރ.އިނގުރައިދޫ
- ޅ.ކުރެންދޫ
- ޅ.ހިންނަވަރު
- ކ.މާފުށި
- ވ.ފުލިދޫ

ހއ.ކެލާއިން އެންމެ ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ އެރަށާއި މާލެއާއި ދެމެދު ދަތުރުކުރާ "ސަވާރީ" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަނެވެ. މާލޭގައި ދެހަފްތާ މަޑުކުރުމަށްފަހު އެނބުރި ރަށަށް ދިޔައިރުވެސް ބޯޓު ކެޕްޓަންގެ ގައިން ބަލީގެ އަލާމަތްތަށް ފެންނަން ހުރިކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިދިޔަ ބުދަ ދުވަހު އޭނާގެ ސާމްޕަލް ޕޮޒިޓިވްވީއިރު އެބޯޓުން ދަތުރުކުރި އިތުރު 9 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކެލާ ސަވާރީ ބޯޓު ވަނީ ހއ. އަދި ހދ ގެ ބައެއް ރަށްތަކަށްވެސް ދަތުރުކޮށްފައެވެ. އެހެންކަމުން އެބޯޓުން ދަތުކުރި މީހުންނާ ދިމާވި މީހުން ތިބި ބައެއް ރަށްތަކުން ޕޮޒިޓިވް ކޭސްތައް ނުފެނުނު ނަމަވެސް އެރަށްތައް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ. އެއީ ހއ.ދިއްދޫ، ހއ.ވަށަފަރު އަދި ހދ.ނޮޅިވަރަންފަރެވެ. އެރަށްތަކަށް އެޗްޕީއޭގެ ހުއްދަ ނެތި އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ހއ.އިހަވަންދޫންވެސް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން އެރަށަށް ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ. އެމީހަކީ "ޓޫފޯޓޫ" ބޯޓުގެ ކޭޝިއަރެވެ. އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ކޯވިޑަށް ޓެސްޓްކޮށްފައި ވަނީ އޭނާ އަމިއްލައަށް އެދިގެންނެވެ. އަދި ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގައެވެ.

ބ.އޭދަފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ދެ ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްވުމުންނެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެރަށަށް ދިޔަ ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. އެމީހުން އެރަށަށް ގޮސްފައިވަނީ ރެސްޓޯރަންޓެއްގައި މަސައްކަތްކުރުމަށެވެ. އަދި އެއަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ސިސައިޑް ފިނޮޅު މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ، އެތަނުގައި މަސައްކަތްކުރަމުން އަންނަ 5 ބިދޭސީން ޕޮޒިޓިވްވުމުންނެވެ. އެއީ ބަންގަލަދޭޝްގެ 2 މީހުންނާއި، އިންޑޮނޭޝިއާ 3 މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދެމުން އަންނަނީ އޭދަފުށީގައި ހުންނަ ކޯވިޑް ސެންޓަރުންނެވެ. މީގެއިތުރުން އެއަތޮޅު ކަމަދޫންވެސް މީހަކުވަނީ ޕޮޒިޓިވެފައެވެ. އެއީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީއެކެވެ. ބަންގްލަދޭޝްގެ އެމީހާ ޕޮޒިޓިވްކަން އެނގުނީ، ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ހެދި ޓެސްޓުންނެވެ.

މަސައްކަތެއް ކުރަން މާލެއިން ޅ. ކުރެންދުއަށް ގެންދިޔަ ދެ ބިދޭސީންގެ ތެރެއިން އެކަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ބަންގްލަދޭޝް މީހާއަކީ އެރަށަށް ވަޑާމުގެ މަސައްކަތަކަށް ގޮސްފައިވާ ދެމީހުންގެ ތެރެއިން އެކެކެވެ.

ރ.އިނގުރައިދޫންވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީންނެވެ. ހޯމް ކަރަންޓިންގައި ތިބި މިދެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ، ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަވެ، ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓްގެ ނަތީޖާއިންނެވެ. އެދެމީހުންނާއެކު އިތުރު ބަޔަކުވެސް އެދުވަހު އެރަށަށް ދިޔަކަމަށާއި، އެހެންނަމަވެސް އެ އެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ޅ އަތޮޅު ހިންނަވަރުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ. ކަރަންޓީން މުއްދަތު ހަމަވެގެން ނެގި ސާމްޕަލުން ޕޮޒިޓިވްވެފައި ވަނީ ޢުމުރުން 22 އަހަރުގެ ދިވެހި ޒުވާނެކެވެ.

މާލެ އަތޮޅު މާފުށިންވެސް ވަނީ ތިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ހޯމް ކަރަންޓިންގައި ތިއްބާ ޕޮޒިޓިވްވި މި ތިންމީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެރަށުން ފުރަތަމަ މީހަ ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްގެ ނަތީޖާއިންނެވެ. އަދި މިއަދު ޕޮޒިޓިވްވި ދެމީހުންނަކީ އަންހެނަކާއި 7 އަހަރުގެ ކުޑަ ކުއްޖެކެވެ.

ވ.ފުލިދޫން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި 10 މީހުންގެ ތެރެއިން އެކަކެވެ. އެއީ ޢުމުރުން 20 އަހަރުގެ އަންހެނެއްކަމަށާއި، އެ މީހާއާ އިތުރު އެއްވެސް މީހާކާ ބައްދަލު ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މާލެއިން ރަށްރަށަށްދާ މީހުން ހޯމް ކަރަންޓީން 14 ދުވަސް ފުރިހަމަކުރަންޖެހޭނެކަމަށް އެޗްޕީއޭގެ ގައިޑްލައިންގައިވެއެވެ. އަދި ހޯމް ކަރަންޓީންގައި ހުންނަ މުއްދަތުގައި ބޭރަށް ނުކުމެ އުޅުމާއި، މީހުންނާއި ބައްދަލުކުރުން ވަނީ ގައިޑްލައިންގައި މަނާކޮށްފައެވެ. ނަމަވެސް ބައެއް މީހުން އެޗްޕީއޭގެ މިގައިޑްލައިނާއި ޚިލާފުވާތީ އެފަދަ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.