އަންނަ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަނުން ބަނގްލަދޭސްގެ ޑާކާއަށް ދަތުރުތައް ފެށުމަށް ހަމަޖައްސައިފިއެވެ.
މިއީ ކޯވިޑް19 އަށްފަހު މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އެ ކުންފުނިން ދަތުރުތައް ފަށާ ފުރަތަމަ ޤައުމެވެ.
މޯލްޑިވިއަނުން ބުނީ އޮގަސްޓް މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑާކާއަށް ދަތުރުތައް ފަށާނެކަމަށެވެ. އަދި މި ދަތުރުތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހުކުރު ދުވަހުއެވެ.
މޯލްޑިވިއަންގެ ޑާކާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 433 ޑޮލަރެވެ. މޯލްޑިވިއަންގެ ނަންބަރު (3335544) އަށް ގުޅައިގެން ނުވަތަ މޯލްޑިވިއަންގެ ކޮންމެ އޮފީހަކުންވެސް ބުކިން ހެއްދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް ފުލައިޓް ފުރުމުގެ 72 ގަޑިއިރު ކުރިން ކޯވިޑް19 އަށް ނެގެޓިވްކަން އަންގައިދޭ ސެޓްފިކެޓެއް އޮންނަންވާނެކަމަށެވެ. އަދި މި ސެޓްފިކެޓް ވާންވާނީ ސަރުކާރުން ހުއްދަ ދީފައިވާ ހެލްތް ސެންޓަރަކުން ހައްދާފައިވާ ސެޓްފިކެޓަކަށްކަމަށެވެ. އަދި ފުރަން އައުމުގެ 24 ގަޑިއިރު ކުރިން އިމިގްރޭޝަން މެދުވެރިކޮށް ރަޖިސްޓްރީވެފައިވާން ޖެހޭނެއެވެ.
ކޯވިޑް19 އާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެ ކުންފުނީގެ ބައިނަލްއަޤްވާމީ ޝެޑިއުލް ދަތުރުތައް ދިގު މުއްދަތަކަށް މެދުކަނޑާލާފައެވެ. އަދި އަލުން ދަތުރުތައް ފަށާއިރު ފަސިންޖަރުންނާއި ކުރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.