ވިޔަފާރި

އެގްރޯނެޓް ކުންފުންޏާއެކު "ކޮންޓްރެކްޓް ފާމިން" މަސައްކަތް ކުރާނެ ފަރާތްތައް ހޯދަނީ


އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއާއި ގުޅިގެން "ކޮންޓްރެކްޓް ފާމިން" މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ހޯދުމަށް ކައުންސިލްތަކަށް އަންގާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ އެ ކުންފުންޏާއި ގުޅިގެން ރަށްރަށުގައި "ކޮންޓްރެކްޓް ފާމިން" ގެ މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ރަށްރަށުގެ މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ތިބިނަމަ އެ ކުންފުންޏަށް އެންގުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ މަހުގެ 5 ގެ ކުރިން އެ ކުންފުންޏަށް މި މައުލޫމާތުތައް ހިއްސާކުރުމަށް ކައުންސިލްތަކަށް އަންގާފައިވާކަމަށް ހާރޫން ވިދާޅުވިއެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ކޮންޓްރެކްޓް ފާމިން"ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.

އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގގެ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 17 ބާވަތެއް ހެއްދުމަށް ވަނީ ނިންމާފައެވެ. ރާއްޖޭގެ ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް މި މަސައްކަތް ފެށިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. މިކަމުގައި މިހަރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ރަށްރަށައް ދަތުރުކުރެވޭނެ މަގު އަދި ފަހިވެފައި ނެތުމެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖޭގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުންދާ ރަށްތަށް ފާހަގަކޮށް އެރަށްރަށުގެ ދަނޑުވެރިންނާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެގްރޯ ނޭޝަނަލް ކުންފުނިން އަންނަނީ މަސައަކަތްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން ޔޫއެންޑީޕީއާއި ގުޅިގެން ލ.އަތޮޅުގައި މިފަދަ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ލ.އަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ. ދަނޑުވެރިކަން ކުރިއެރުވުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތައް ދަނޑުވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން އެ ކޯޕަރޭޝަނުން ބުނެއެވެ.