ކޯވިޑް-19

އާސަންދައިގެ ދަށުން އިތުރު ބަޔަކު އަނެއްކާވެސް އިންޑިއާއަށް


ކޯވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ޙާލަތުގައި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ފޮނުވާ 3ވަނަ ބެޗް މިއަދު އިންޑިއާގެ ޓްރިވެންޑަރަމަށް ގޮސްފިއެވެ.

އާސަންދައިގެ ޚަރަދުގައި ފަރުވާ ހޯދުމަށް މިއަދު 15:45ގައި، ބަލިމީހުންނާ އެހީތެރިންނާއެކު މުޅި ޖުމުލަ 60 މީހުން އިންޑިއާގެ ޓްރިވެންޑްރަމަށް ވަނީ ފުރާފާފައެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ، މިބެޗްގަވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ޤައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޯވިޑް-19އަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައެވެ. އިންޑިއާއިންވެސް މި ފަސިންޖަރުން ކޯވިޑް-19އަށް ޓެސްޓު ކުރާނެކަމަށާއި، އެ ޤައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި 14 ދުވަސް ފަހުން އަނެއްކާވެސް ކޯވިޑް-19 އަށް ޓެސްޓު ކުރާނެކަމަށްވެސް އާސަންދައިން ވިދާޅުވެއެވެ.

މިއަދު ފުރި ބަލިމީހުންގެ ފަރުވާ ހަމަޖެހިފައިވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގައި ތިބޭނީވެސް އެ ހޮސްޕިޓަލުގައިކަމަށާއި، ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށްދާނެކަމަށް އާސަންދައިން ވިދާޅުވެފައިވެއެވެ.

މިމަހުގެ 14 ގައި އިންޑިއާށް ބޭސްފަރުވާއަށް ދިޔަ ތިން ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، ޕޮޒިޓިވްވީ މީހުންނާއި އެމީހުންގެ ކްލޯޒް ކޮންޓެކްޓުން އިންޑިއާގެ ހެލްތް ޕްރޮޓޮކޯލްއާއި އެއްގޮތަށް، އެހެންފަރާތްތަކާ ވަކިން އައިސޮލޭޓްކޮށްފައިވާކަމަށް އާސަންދައިން ވިދާޅުވެއެވެ. މިގޮތަށް އައިސޮލޭޓްކުރި ކަމުގައިވިޔަސް އެމީހުންގެ ހާލު ބަލާ އެސެސްކުރުމަށްފަހު، އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިންތަކާ އެއްގޮތަށް ދެމުން އަންނަކަމަށާއި، އެހެނިހެން ބަލިމީހުންނަށްވެސް އިމަރޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އެކުންފުނިން ވިދާޅުވެފައިވެއެވެ. އަދި ހޮސްޕިޓަލާ ގުޅިގެން ބަލިމީހުންގެ ފަރުވާގެ ކަންކަން ކުރިއަށްދާގޮތްގާތުން ބަލަމުންކަމުގައިވެސް އާސަންދައިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިގަތުމުގެ މަތިން އިންޑިއާ ސަރުކާރުން ދެއްވި ހުއްދައާއިއެކު، އާސަންދައިގެ ޚަރަދުގައި ބޭސްފަރުވާއަށް އިންޑިއާއަށް ދިވެހިން ފޮނުވަން ފަށާފައިވަނީ ޖޫންމަހުގެ 29 އިން ފެށިގެނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 28 ބަލިމީހުން، އަދި މިމަހުގެ 14 ވަނަ ދުވަހު 2 ވަނަ ބެޗުގައި 59 ބަލި މީހުން ވަނީ އިންޑިއާއަށްގޮސްފައިވެއެވެ.