ޚަބަރު

ކާބޯތަކެތީގެ މުއްދަތު ހަމަވާތާރީޚު މުހިއްމު- ޙައްޖުމިޝަން


ހައްޖާޖީން ގެންދާ ކާބޯތަކެތީގައި މުއްދަތު ހަމަވާ ތާރީޚު އެނގޭނޭ ގޮތަކަށް ބެހެއްޓުމަށް ހައްޖު މިޝަނުން އިލްތިމާސްކޮށްފިއެވެ. ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް ދިޔައިރު ދިމާވި މައްސަލަތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ޙައްޖު މިޝަންގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެކްޒެކެޓިވް ކޯޑިނޭޓަރ ޝައިޚް ޢަލީ ޝަރީފް ވިދާޅުވި ޙައްޖާޖީން ގެންދާ ކާބޯތަކެތީގެ އިތުރުން ބޭސްގެންދާއިރުވެސް ހެލްތު މިނިސްޓްރީން ދޫކުރާ ލިއުން ހިފައިގެން އައުމަށް އިލްތިމާސްކުރައްވާ ކަމަށެވެ."ކާބޯތަކެތި ގެންދާއިރުވެސް އޭގައި މުއްދަތު ހަމަވާ ތާރީޚު އެނގެން އޮންނަން އެބަޖެހޭ. އަދި ބޭސް ގެންދާއިރުވެސް އެއީ ކޮންކަލަހަ ބޭހެއްކަމާއި ހެލްތްމިނިސްޓްރީން ދޫކުރާ ލިއުންވެސް އޮންނަން އެބަޖެހޭ. ކާބޯތަކެއްޗަކީވެސް ދިވެހިން ކާން އެންމެ ރަނގަޅު އެއްޗެއްކަންވެސް އެނގެން އެބަޖެހޭ. ވީމާ މިކަންތައްތަކަށް ވަޑައިގަންނަވާ ބޭފުޅުން ސަމާލުކަން ދިނުން ވަރަށް މުހިއްމު' ޢަލީ ޝަރީފް ވިދާޅުވިއެވެ. މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރޭގައި ހިމެނެނީ ޙައްޖުކޯޕަރޭޝަންގެ 290 ޙައްޖުވެރިންނާއި، ޒައީ އާއި މިނާ ޙައްޖު ގުރޫޕްގެ އެޑްވާންސްޓީމް ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ޙައްޖާޖީންގެ ފުރަތަމަ ގުރޫޕް މައްކާއަށް ދިޔައިރު ކުރިޔަށް އޮތް ދެ ތިން ދުވަހު އެކި ގަޑި ތަކުގައި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިވެހިން މައްކާއަށް ދަތުރުކުރާނެއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ދިވެހިންގެ ދެހާހެއްހާ ޙައްޖާޖީން ބައިވެރިވާނެއެވެ. ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށް މައްކާގައިވަނީ ދިވެހި ޙައްޖު މިޝަނެއް ޤާއިމްކޮށްފައިވެއެވެ.