ވިޔަފާރި

ޤާނޫނަށް ގެނައި އިސްލާހާއެކު ޑިއުޓީ އާމްދަނީ 600 މިލިއަން ރުފިޔާ އިތުރުވާނެ


އިންޕޯޓް އެކްސްޕޯޓަށް ގެނައި އިސްލާހާއިއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ޕީޢެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ސީނިއަރ ސްޕްރިންޓެންޑެންޓް އަޙްމަދު ނިޔާޒް ވިދާޅުވީ، މި އިސްލާހާއެކު 1600 ބާވަތެއްގެ މުދަލުން ޑިއުޓީއަށް ނަގާ އަދަދަށް ބަދަލު ގެނެސްފައިވާކަމަށެވެ. އެގޮތުން ބައެއް ތަކެތީގެ ޑިއުޓީރޭޓް ދަށްކުރެވިފައިވާއިރު އަނެއްބައި ބާވަތްތަކުގެ ޑިއުޓީ ވަނީ ކަނޑާލާފައެވެ. އަދި އެކި ސަބަބުތަކާއިހުރެ ޑިއުޓީ ރޭޓް ވަނީ ބައެއް ބާވަތްތަކުގެ މުދަލުން ބޮޑުކޮށްފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، މި ބަދަލާއިއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށެވެ. އެގޮތުން މިއަހަރުގެ ބާކީއޮތްތަނުގައިވެސް އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބޭ އާމްދަނީ 140 މިލިއަން އިތުރުވެގެންދާނެކަމަށް ޤަބޫލުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަދަލާއިއެކު އަޅުގަނޑުމެން މި ޤަބޫލުކުރަނީ ގާތްގަނޑަކަށް ދައުލަތުގެ އާމްދަނީއަށް 600 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެކަމަށް. މިއަހަރުގެ ބާކީއޮތް ބައިގައި 140 ވަރަކަށް މިލިއަން ރުފިޔާގެ އާމްދަނީގެ އިތުރުވުމެއް މި އަންނަނީ. އެހެންނަމަވެސް މި އިތުރުވުން އައިކަމުގައިވީނަމަވެސް އަޅުގަނޑު ފަހަގަކޮށްލަން އާންމު ރައްޔިތުން ބޭނުންކުރާ ގިނަ އައިޓަމްތަކެއް ޙައްސަގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭގޮތުން މިހުރި ގިނަ އައިޓަމްތަކެއް ޑިއުޓީ ރޭޓް ދަށްކުރެވިފައި ނުވަތަ ސުންޕަސެންޓަށް ބަދަލުކުރެވިފައި މިވަނީ." ނިޔާޒް ވިދާޅުވިއެވެ.

އިމްޕޯޓް އެކްސްޕޯޓަށް ގެނައި އިސްލާހާއެކު ޑިއުޓީ ރޭޓް ބޮޑުކޮށްފައިވަނީ ސިއްހަތައް ގެއްލުންދޭ ބައެއް ބާވަތްތަކުންނާއި ތިމާވެއްޓަށް ގެއްލުންހުރި ބާވަތްތަކުންނެވެ. މީގެތެރޭގައި ސިނގިރޭޓާއި، ދުންފަތުގެ އުފެއްދުންތަކާއި، އެނަރޖީ ބުއިންތަކާއި، ހަކުރު އެކުލެވޭ ބައެއް ބުއިންތަކުގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތައްވެސް ހިމެނެއެވެ.

މި އިސްލާހާއިއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބައެއް ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށް އަނެއްބައި ބާވަތްތަކުގެ ޑިއުޓީ ވަނީ ކަނޑާލާފައެވެ. އެހެންކަމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ތަކެތި އަގުހެޔޮކޮށް ލިބި އެފަދަ ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް އިންޕޯޓްކުރާ މުދާ ދަށްވުމާއި ގުޅިގެން އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ މިއަހަރު ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 21 އިންސައްތަ ދަށްވެފައެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫންމަހު 3.3 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް ނިމުނު ޖޫންމަހު ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 36 އިންސައްތައިގެ ދަށްވުމެކެވެ.

އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ ޖޫންމަހު 326 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ނިމުނު ޖޫންމަހު އެކްސްޕޯޓްކޮށްފައި ވަނީ 217 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 33 އިންސައްތައިގެ ދަށްވުމެކެވެ.