މިއަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ބަހަން ދިރާގުން ނިންމައިފިއެވެ.
ދިރާގުން ބުނީ ކޯވިޑް19 ގެ ސަބަބުން ކުންފުނީގެ އާމްދަނީއަށް ބޮޑު އަސަރެއްކޮށްފައިވާކަމަށެވެ. ނަމަވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން 2020 ވަނަ އަހަރުގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 2.07 ރުފިޔާ ބަހަން ނިންމާފައިވާކަމަށެވެ.
އިންޓަރިމް ޑިވިޑެންޑް ގޮތުގައި މިއަހަރު ދިރާގުން ސަތޭކަ ފަންސާސް ހަތް މިލިއަން ތިންސަތޭކަ ވިހި ހާސް ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. 11 އޯގަސްޓް ވަނަ ދުވަހުގެ ހަވީރު 4:00 ޖެހުމާއި ހަމައަށް ދިރާގުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށް މި އިންޓަރިމް ޑިވިޑެންޑް ބެހުމަށްވަނީ ނިންމާފައެވެ.
ކޯވިޑް19އާ ގުޅިގެން ޤައުމުގެ އިޤްތިޞާދަށް ކޮށްފައިވާ އަސަރުގެ ސަބަބުން މި އަހަރުގެ ފުރަތަމަ ކުއާޓަރއާއި އަޅާބަލާއިރު، 2 ވަނަ ކުއާޓަރުގައި ދިރާގުގެ ޖުމްލަ އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ. ކުންފުނީގެ ވިޔަފާރީގެ މުހިންމު ހުރިހާ ދާއިރާއަކުންވެސް ލިބުނު ފައިދާ ޖުމްލަ ގޮތެއްގައި ދަށަށް ގޮސްފައިވާކަމަށް ދިރާގުން ބުނެއެވެ.
މި އަހަރުގެ 2 ވަނަ ކުއާޓަރގައި ލިބުނު އާމްދަނީއަށް އެހާބޮޑު އަސަރެއްކޮށްފައިވަނީ ބައިނަލްއަޤްވާމީ ބޯޑަރތައް ބަންދުކުރުމާއި ފަތުރުވެރިކަން ހުއްޓުމަކަށް އައުމުގެ ސަބަބުންކަމަށް ދިރާގުން ފާހަގަކުރެއެވެ. ކުންފުނީގެ ސާފު ފައިދާ %49 ދަށްވެފައިވާއިރު އާމްދަނީއިން ހިއްސާއަކަށް ޖެހޭ މިންވަރުވެސް ވަނީ ފާއިތުވި ކުއާޓަރއާ އަޅާބަލާއިރު %50 ދަށްވެފައެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މަސައްކަތްކުރަނީ ހަމަހަމަ ގޮތެއްގައި ދުރު މުސްތަޤުބަލްގެ އިންވެސްމެންޓްތައް ރާވައި ކުންފުނީގެ މާލީ ހާލަތު ވަރުގަދަކުރުމަށްކަމަށް ދިރާގުން ބުނެއެވެ. އަދި މާކެޓްގައި ދިމާވާ މިފަދަ ގޮންޖެހުންތައް ގިނަ ދަނޑިވަޅުތަކުގައިވެސް ކުންފުނީގެ ހިއްސާދާރުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ނަފާ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށް ދިރާގުން މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ ކުންފުނިން ބުނެއެވެ.