ކޯވިޑް-19

މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 7 އަކާއި 8 ގެ ކިޔެވުން އަންނަމަހު 16 ގައި ފަށަނީ


މާލޭ ސިޓީގެ ސްކޫލްތަކުގެ ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަކާއި 8 ގެ ކިޔެވުން އަންނަމަހު 16 ގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު 1 ޖުލައި 2020 ގައި މާލޭ ސިޓީގެ ސްކޫލުތައް ފިޔަވާ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔެވުން ވަނީ ފަށާފައެވެ. މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 ން 12 އަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ފައުންޑޭޝަން ލެވެލް (އެލް.ކޭ.ޖީ / ޔޫ.ކޭ.ޖީ) އަށް ކިޔަވާދޭން ފަށާފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މާލޭ ސިޓީގެ ސްކޫލުތަކުގައި ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަދި 8 ގެ ކިޔެވުން ފެށުމަށް ނިންމެވީ، ރާއްޖޭގައި ކޯވިޑް-19ގެ މިހާރުގެ ޙާލަތަށް ބަލާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ލަފަޔާއެކު ކަމަށެވެ. އަދި ގްރޭޑް 7 އަކާއި 8 ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި 16 އޯގަސްޓް 2020 ވާ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭ ސިޓީގެ ސްކޫލްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ކިޔަވަމުންދާއިރު، އިތުރު ދެ ގްރޭޑަކަށް ކިޔަވައިދޭން ފެށުމުން ދަތިތަކެއް ކުރިމަތިވިނަމަވެސް، ދަރިވަރުންނަށް ކިޔަވައިދެމުން ދާނީ މިހާރުވެސް ރައްކާތެރިކަމުގެގޮތުން އަޅާފައިވާ ފިޔަވަޅުތަކާ އެކުގައިކަން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެގޮތުން ސްކޫލު މާޙައުލުގައި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމާއި، ސްކޫލަށް ވަންނައިރު މާސްކްއެޅުމާއި، ހުން ބެލުން ފަދަ ކަންކަން ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިތުރު ގްރޭޑްތަކަށް މާލޭ ސިޓީގެ ސްކޫލުތަކުގައި ކިޔަވައިދޭން ފެށުމަށް މިވަގުތު ނުރައްކަލެއް ނެތްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ސްކޫލްތަކުގެ ތެރޭގައި ކޯވިޑް-19 ފެތުރުމުގެ ފުރުޞަތު ވީހާވެސް ކުޑަކުރުމަށް ސްކޫލުތަކުގައި ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާކަން އެޗް.އީ.އޯ.ސީން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގެ އެއްވެސް ސްކޫލެއްގެ ތެރޭގައި ކޯވިޑް-19 ފެތުރެމުން ނުދާކަމުގެ ޔަޤީންކަން އެސެންޓަރުން ވަނީ ދެއްވާފައެވެ.

ސްކޫލްތަކުގައި މިހާރު ކިޔަވާދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ކުރިއާ ޚިލާފަށް ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ކިޔަވައިދެމުން ދަނީވެސް މޭޒުތައް ދުރުދުރުގައި ބަހައްޓައި ގައި ދުރުކޮށެވެ. ސްކޫލްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓްކުރުމާއި ސްކޫލްތަކުގައި އަތްދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންވެސް ސްކޫލަށް ދަނީ މާސްކް އަޅައިގެންނެވެ.