ޚަބަރު

"2014އިން 2019އަށް 110000 ބިދޭސީން އެތެރެވި، އެތައް މައްސަލައެއް އުފެދުނު"


ރާއްޖޭގައި މިހާރު ހިނގަމުންއަން ބިދޭސީންގެ ބޮޑެތި މައްސަލަތަކަކީ ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަވެފައިވާ މައްސަލަތަކެއްކަމަށާ، މިކަމުގައި އަވަސް ނިންމުންތަކެއް ނިންމަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައިވާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވީ، ބިދޭސީންގެ މައްސަލަތުގެ ތެރޭގައި ހަމައެކަނި ކޮރަޕްޝަން ހިމެނޭކަމަށް ބެލެން ނެތްކަމަށެވެ. މިކަމުގައި އެތައް މިނިސްޓްރިއެއްވެސް ހިމެނޭކަން ފާހަގަކުރައްވައި އަސްޢަދު ވިދާޅުވީ، އެކޮމިޝަނަށް ފާހަގަކުރެވިފައިވާ ބިދޭސީ މަސައްކަތްތެރިންގެ ވަރަށް ގިނަ މައްސަލަތައް ހަތަރު، ފަސްމަހެއްގެ ތެރޭގަ ހަގީގަތަކަށް ވެގެންގޮސްފައި އެބަހުރިކަމަށެވެ.

އޭގެތެރޭގައި ޢާންމުންނާ ގުޅުންހުރި މައްސަލަތަކާއި، ބިދޭސީންނަށް މުސާރައައި އުޖޫރަ ނުދޭ މައްސަލަތަކާއި، އިންސާނީ ވަގުފާރީގެ މައްސަލަތަކާއި، ބަދުއަޚްލާގީ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަށް ހިމެނޭކަމަށް އަސްޢަދު ވިދާޅުވިއެވެ.

"މިމައްސަލާގައި އަޅުގަނޑުމެން ފާހަގަކުރި ވަރަށް ގިނަ ކަންތައްތަކަކީ މިދިޔަ ހަތަރު ފަސްމަހެއްގެ ތެރޭގަ ހަގީގަތަށް ވެގެންގޮސްފަހުރި ކަންތައްތަކެއް. ޕަބްލިކް ރިލޭޓެޑް މައްސަލަތަކާއި އެމީހުންނަށް މުސާރައާއި އުޖޫރަނުދެވި ނުވަތަ އެމީހުން ރަށުން އަންނަ އައުމުގަ އޮޅުވާލުމުގެ ސަބަބުން ހިއުމަން ރައިޓްސް މައްސަލަތައް ފޯމްވެފަ ހުރިކަމާ މިކަހަލަ މައްސަލަތައް އަޅުގަނޑުމެން ފާހަގަކޮށްފަވާނެ. ހަމައެކަނި އޭގެ ކޮރަޕްޝަން އޭންގަލްއަށް ބަލައިގެން އިމިގްރޭޝަންގަ ތިބިމީހުން އެކަނި ގޯހޭ ދަންނަވައިގެން އެކަނި ވާވަރަށްވުރެ ބޮޑު މައްސަލައަކަށް ފެނިގެން އަޅުގަނޑުމެން ޖުމްލަކޮށް މިމައްސަލއާއި ދޭތެރޭ ބެލީ. ކުށުގެ ވެށްޓަށް ބަލައިފިނަމަ ކުށްކުރުމުގަވެސް އެމީހުންގެ ބައިވެރިވުން ވަރަށްބޮޑު. އޭގެތެރޭގަ ބަދުއަޚްލާގީ ޢަމަލު ވަރަށް ގިނަ. ޑްރަގްގެ މައްސަލަ ވަރަށް ގިނަ." އަސްޢަދު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަން ފާހަގަކުރައްވައި އަސްޢަދު ވިދާޅުވީ، 2014އާއި 2019އާ ދެމެދު އެއްލައްކަ ދިހަހާސް ބިދޭސީން ރާއްޖެއަށް އެތެރެވެފައިވާކަަމަށެވެ. މިއީ ދިވެހިރާއްޖޭގެ އާބާދީގެ %25 އިތުރުވުމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑމެން އެދުވަސްވަރު އިކޮނޮމިކް ގްރޯތެއް އައިސްފައިވޭތޯ ބެލީ. އިޤްތިޞާދީ ކަންތައްތަކެއް ނެތް ވާހަކައެއް ނޫން. އެހެންނަމަވެސް އިޤްތިޞާދު ކުރިއަރައިގެންދިޔަވަރާ މީހުން އިތުރުވިވަރާ ކިހާވަރަކަށްތޯ ގުޅުމެއްހުރީ. މިކަންތައްތަކުގެ މައްޗަށްވެސް ބަލާފަވާނެ." އަސްޢަދު ވިދާޅުވިއެވެ.

އަސްޢަދު ވިދާޅުވީ މިއަހަރުގެ ޖެނުއަރީމަހާ ހަމައަށް އައިއިރު ގާތްގަނޑަކަށް 65 ހާހެއްހައި ބިދޭސީން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭމުން އަންނަކަމަށެވެ. އެހެންކަމުން ބިދޭސީންގެ މައްސަލައަށް ވަކިގޮތްތަކެއް ނިންމަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފަވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިމައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ރައީސަށް ރިޕޯޓް ހުށަހަޅުއްވާނެކަމަށް އަސްޢަދު ވިދާޅުވިއެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

އެގޮތުން މިހާތަނަށް ޤަވާއިދާއި ޚިލާފަށް އުޅޭ ފަސްހާހެއްހައި ބިދޭސީން އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައެވެ. ފަހަކަށް އައިސް ބިދޭސީންގެ ހަމަނުޖެހުންތަކާއި އިހްތިޖާޖުތައް އިތުވެފައިވާއިރު، މިއީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުފައެވެ. އަދި މިމައްސލަތުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.