ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑެންސީ ވިސާދޭން ބޭނުން ނުވާ ކަމަށާއި، އެއީ މިވަގުތު ކުރުން މުހިންމު ކަމެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖެއިން ބޭރު މީހުންގެ ތެރެއިން ރާއްޖޭގައި ގެތައް ކުއްޔަށް ހިފައިގެން ތިބޭ މީހުންނަށް ރެޒިޑެންސް ވިސާ ދޭން ތާއީދު ނުކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިވަގުތަކީ މިފަދަ އިސްލާހު ގެނައުމަށްވުރެ މާ ބޮޑެތި މުހިންމު ކަންކަން ހުރި ވަގުތެއްކަމަށެވެ.
"ގެ ކުއްޔަށް ހިފާ މީހުންނަށް ރެޒިޑެންސް ވިސާ ދޭންވެސް މިވަގުތު އަޅުގަނޑުމެން ބޭނުން ނުވޭ. އަދި އެއްލައްކަ ރުފިޔާ ޚަރަދު ކުރާ މީހުންނަށްވެސް ރެޒިޑެންސް ވިސާ ދިނުން މުހިންމު ނޫން" މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރެޒިޑެންސް ވިސާއަކީ ސިޓިޒަންޝިޕް ދިނުމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ރެޒިޑެންސް ވިސާއިން ލިބޭ ހަމައެކަނި ފައިދާއަކީ ފަސޭހަކަމާ އެކު ގައުމަށް ވަދެ ނުކުތުން ކަމަށެވެ. ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑެންސީ ވިސާދޭން ބޭނުން ނުވިނަމަވެސް، ދިގު މުއްދަތަށް ރިޒޯޓުތަކުން ވިލާ ގަންނަ ފަރާތްތަކަށް ސެކަންޑް ހޯމް ރެޒިޑެންސީ ވިސާގެ ގޮތުގައި ވިސާ ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަނީ އިމިގްރޭޝަންގެ ޤާނޫނަށް އެއްލައްކަ ރުފިޔާއަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ރާއްޖޭގައި ކުރާ ބިދޭސީންނަށާއި، 10 އަހަރަށް ވުރެ ދިގު މުދަތަކަށް ގެއެއް ކުއްޔަށް ދޭ ފަރާތްތަކަށް އަދި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސިންނަށް ރެޒިޑެންސް ވިސާ ދިނުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ އެފަދަ އިސްލާހެއް ކޮމިޓީއަށް ހުށަހަޅާފައި ނުވާނެކަމަށާއި ބިލު އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ، ބިލުގައި ހިމަނަންޖެހޭ ކަންކަން ހިމަނާފައިނުވާކަމަށް ފާހަގަވެފައިވާތީކަމަށެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހާއި ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާގޮތުން ކޮމިޓީއަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައި ނުގަނަވާކަމަށެވެ. ކޮމިޓީން ބިލް ނިންމާ ތަޅުމަށް ފޮނުވުމުން އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ބިލުގެ ބަހުސްގައި ދެކެވުނު ވާހަކަތަކާއި، އާންމުން ހުށަހެޅި ބައެއްކަންކަން ނެތުމުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.