ކޯވިޑް-19

މިއަދުވެސް 200 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފި


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އަނބުރާ ޤައުމަށްދާން ބޭނުންވާ މީހުން ފޮނުވާލުމަށް ހިންގާ އޮޕަރޭޝަންގެ ތެރެއިން މިއަދުވެސް 200 ބިދޭސީއަކު ފޮނުވާލައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބުނީ، މިއަދު އަނބުރާ ފޮނުވާލީ ބަންގްލަދޭޝްގެ 200 މަސައްކަތްތެރިންކަމަށެވެ. އަދި އެމީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފޮނުވާލާފައިވަނީ މިއަދު މެންދުރު 12 ޖެހިއިރު މޯލްޑިވިއަންގެ ފްލައިޓެއްގައިކަމަށްވެސް އެ އެއަރލައިނުން ބުނެފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބިދޭސީންގެ ތެރެއިން ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުން އަންނަ މީހުންނާއި، ޤަވާއިދާ އެއްގޮތަށް ތިބި މީހުންގެ ތެރެއިން ކޯވިޑް-19އާއި ގުޅިގެން އަނބުރާ ޤައުމަށްދާން ބޭނުންވާ ގިނަ ބަޔަކު މިހާރު ފޮނުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 13،500 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ. އޭގެތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްއާއި އިންޑިއާ މަސައްކަތްތެރިންނެވެ. އެގޮތުން ބަންގްލަދޭޝްގެ 5000 އަށްވުރެ ގިނަ މީހުންނާއި، އިންޑިއާގެ 5000 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ފޮނުވާލާފައެވެ.

މީގެ އިތުރުން ސްރީލަންކާ، އިންޑޮނޭޝިއާ، ފިލިޕިންސް، ތައިލެންޑް އަދި ނޭޕާލުގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޢިއުލާންކުރި ފުރަބަންދާއެކު ވައިގެ އުދުހުންތައް ހުއްޓާލުމާއި ގުޅިގެން ރާއްޖޭގައި ތާށިވެފައިތިބި އެކި ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ފޮނުވުމުގެ މަސައްކަތްވެސް އެޤައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ސަރުކާރުންވަނީ ކުރިޔަށް ގެންދަވާފައެވެ. އެގޮތުން އޭޝިއާގެ އެކި ޤައުމުތަކަށް ނިސްބަތްވާ 15775 ފަތުރުވެރިއަކު މިދިޔަ ޖޫން މަހުގެ ނިޔަލަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން އެފްރިކާއަށް ނިސްބަތްވާ 41 މީހަކާއި ޔޫރަޕްގެ ޤައުމުތަކަށް ނިސްބަތްވާ 2091 މީހަކު ޤައުމަށް ފޮނުވާދީފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއާއެކު ފަތުރުވެރިންގެ ގޮތުގައި ތިބި 17،000 އަށްވުރެ ގިނަ މީހުން އެމީހުންގެ ޤައުމަށް ވަނީ ފޮނުވާފައެވެ.

ރާއްޖޭގައި ތިބި ބިދޭސީން ފޮނުވުމުގެ މަސައްކަތް ކުރައްވަމުންގެންދަވަނީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެންނެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އިތުރުންވެސް ކަމާ ގުޅުންހުރި އެހެން އިދާރާތައް ގުޅިގެން އަންނަނީ ބިދޭސީން ފޮނުވުމުގެ މަސައްކަތްކުރައްވަމުނެނެވެ.