ޚަބަރު

ޖިންސީ ކުށްތަކަށް އިންސާފުހޯދައި ނުދީ ބަހަނާއެއް ދެއްކޭކަށް ނެތް


ޖިންސީ އަނިޔާއާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެ، މައްސަލަތަކަށް އިންސާފު ނުލިބޭ މައްސަލައަކީ މިއަދު މުޖުތަމައުގައި އެންމެބޮޑު ކަންބޮޑުވުމެއް އޮތް އެއް މައްސަލައެވެ.

ޖިންސީ ފުރައްސާރަ އާއި، ގެވެށި އަނިޔާ އާއި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކަކީ މުޖުތަމައުގެ ތެރޭގައި އިއްޔެއަކު، މިއަދަކު ހިގައިގެން އުޅޭކަމެއްނޫނެވެ. އެތައް އަހަރުތަކަކަށް ދެމިގެން ގޮސްފައިވާ މިބޮޑު މައްސަލައަކީ މިއަދު މުޖުތަމައުގައި "ބޮޑު ވަބާއަކަށް" ވެފައިވާ ކަމެކެވެ. ޖިންސީ އެދުން ފުއްދުމަށް ރުހުމުގަ އާއި، ނުރުހުމުގައި ހިންގޭ ނާތަހުޒީބު ދަށު ދަރައިޖައިގެ އަމަލުތައް ހިންގުމުގައި ކުށް ކުރާ ފަރާތްތަކުންވެސް ޒަމާނާ އެއްގޮތަށް ދަނީ ކަންކަން ބަދަލުކުރަމުންވެ.

ޒަމާނާއި އެއްގޮތަށް ޖިންސީކުށްތަކަށް އަރައިގަތުން އާންމުވެ، ހުއްޓުވުމުގައި ގޮންޖެހުން:


ރާއްޖޭގައި މިއަދު ޖިންސީ ފުރައްސާރައާއި، ރޭޕްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާތައް އާންމުވެފައިވަނީ އެންމެ ތަހުޒީބު ގޮތްތަކަށެވެ. އިންޓަނެޓްގެ ޒަރީއާއިންނާއި، ބްލެކްމައިލް ކޮށްގެންނާއި، ފައިސާ އާއި މުދާވެރިކަން ހުށަހަޅައިގެންވެސް މިކަންކަން ކުރުން ވަނީ އާންމުވެފައެވެ. އަންހެނުންނަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުންދާ ފަނާކުރަނިވި އެއް މައްސަލައެވެ. މި މައްސަލަަަތަކަަށް ހައްލެއް ހޯދަން މުޅި ދައުލަތް ޒަމާންތަކެއް ވަންދެން ނުކުޅެދިފައިވާއިރު މިކަމުގެ ޒިންމާ ހުރިހާ ސަރުކާރުތަކަކުންވެސް ނަގަންޖެހެއެވެ.

ފުލުހުންވަނީ ބްލެކް މެއިލް ކުރުމުގެ މައްސަލަތައްވެސް 2019ވަނަ އަހަރުން ފެށިގެން ހުށަހަޅާފައިވާ މިންވަރު ހާމަކުރައްވާފައެވެ. ބްލެކްމެއިލްގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • 2019 - 53 މައްސަލަ
  • 2020 - 86 މައްސަލަ (މިހާތަނަށް)

ބްލެކްމެއިލްގެ މައްސަލަތަކުގައި އަނިޔާ ލިބުނު މީހުން:

  • 2019 - 11 އަންހެނުން
  • 2020 - 14 އަންހެނުން، 4 ފިރިހެނުން (މިހާތަނަށް)

ޖިންސީކުށްތައް ހުއްޓުވުމަށް ޤައުމީ ބޮޑު ކެމްޕެއިނެއް:


ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ގައުމީ ކެމްޕޭން، "ގެވެށި ގުޅުން" އިފްތިތާހްކޮށްދެއްވާފައިވަނީ މިމަހުގެ 15ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާގެ ގިނަ މައްސަލަތަކަކީ ދިރިއުޅޭ ވެށިން ދިމާވާ އަނިޔާގެ މައްސަލަތަކެވެ. ގެވެށި އަނިޔާ އާއި ދެކޮޅަށް ކުރިއަށްގެންދާ މި ކެމްޕެއިނަކީ ޖިންސީ ކުށްތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި މައުނަވީ ނަތީޖާއެއް ހޯދުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ. ޖިންސީ ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ މިއަހަރު ޚާއްސަ ސަމާލުކަމެއް ދެއްވައި މީގެ ކުރިން ދެމުންދިޔަ ބަޖެޓްވެސް އެތައް ގުނައެއް މިއަހަރު ބޮޑުކޮށްދީފައެވެ. އަންހެނުންނަށާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް މި އަހަރު 294 މިލިޔަން ރުފިޔާގެ ބަޖެޓެއްވަނީ ދެއްވާފައެވެ. އެއީ ކުރީގެ ސަރުކާރުގެ އެންމެ ފަހު އަހަރު ކަމަށްވާ 2018 ވަނަ އަހަރު ކަނޑައެޅި ބަޖެޓަށް ވުރެ 111 މިިލިޔަން އިތުރު އަދަދެކެވެ.


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޙާއްސަ " ޗިލްޑްރަންސް އޮމްބަޑްސްޕާސަންއެއް:


މިނިވަން މުސްތަގިއްލު 'ޗިލްޑްރަންސް އޮމްބަޑްސްޕާސަން'އެއް އައްޔަނުކުރުމުގެ ގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް، ނިއުމަތު ޝަފީޤު ވަނީ އައްޔަންކުރައްވާފައެވެ. މިމަޤާމަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިންވަރު ބެލުމުގެ ކަނޑައަޅާފައިވާ މަޤާމެކެވެ.

ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއިބެހޭ މުޢާހަދާއާއި އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާ އާއި އެއްގޮތަށް އަމަލުކުރާކަން ބަލައި އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ޒިންމާއެކެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާއެވެ. އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާއެވެ.

ޤާނޫނުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޮޑެތި އިސްލާހުތަކެއް:


މީގެ 6 އަހަރުކުރިން އެކުލަވާލާފައިވާ ޖިންސީ ކުށުގެ ޤާނޫނުގައި ހުރި މައްސަލަތައް ހައްލުކޮށް ޤާނޫނީ ގޮތުން މައްސަލަތައް ބެލުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޤާނޫނުގައި މިހާރު ހުރި އެންމެބޮޑު މައްސަލަތަކަކީ ޖިންސީ ކުށްތަކުގެ ހެކި ނުލިބުމެވެ. ނޫނީ ސާބިތުވާވަރުގެ ހެކިނެތި އެތައް މައްސަލައެއް ޝަރީއަތާއި ހިސާބަށްވެސް ފޮނުވޭވަރު ނުވެއެވެ. ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއާއި، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.

ޤާނޫނަށް ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ޤާނޫނުގެ 28 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރަކަށް ވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަކީ ލާޒިމްކަމަކަށް ވާއިރު އެގޮތަށް ނެގޭ ސާމްޕަލް ވާންޖެހޭނީ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތައްކެއްގެ މައްޗަށް ކުރެވޭ ތަޙުލީލެއްކަމަށް ބުނެފައިވެއެވެ.

"ރޭޕް އެވިޑެންސް ކިޓް"ގައި އެންމެ މަދުވެގެން 7 ސާމްޕަލެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިސްތަށިގަނޑުންނާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަޙައްދުން ނަގާ އިސްތަށި؛ ލޭ އަދި ކުޑަކަމުދާ ތަކެތި، ކުށުގެ ޝިކަރާއަކަށް ވީ ފަރާތުގެ އަންނައުނު، ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް، ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ނަގާ ސާމްޕަލް، އަގައިން ނަގާ ސާމްޕަލް އަދި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެވެ.

2018 - 2020 އަށް ރިޕޯޓްކުރެވުނު މައްސަލަތަކާއި، ދައުވާކޮށް، ސާބިތު ކުރެވުނު މައްސަލަތައް:

  • - 2018 ވަނަ އަހަރު 195 ޝަކުވާ، ދައުވާ ކޮށްފައިވަނީ 44 މައްސަލައެއްގައި، 136 ޝަކުވާއަށް ހެކި ނުލިބި ދައުވާ ނުކުރެވޭ
  • - 2019 ވަނަ އަހަރު 159 ޝަކުވާ، ދައުވާ ކޮށްފައިވަނީ 24 މައްސަލައެއްގައި، 135 ޝަކުވާއަށް ހެކި ނުލިބި ދައުވާ ނުކުރެވޭ
  • - 2018 - 2020 ދައުވާކޮށްފައިވަނީ 23 މައްސަލައެއްގައި، ސާބިތު ވެފައިވަނީ އެންމެ 5 މައްސަލަ

ޖިންސީ ކުށުގެ މައްސަލަތައް ހުށަހެޅިފައިވާ ވަރާއި، ކުށްތައް އިތުރުވެފައިވާ މިންވަރަށް ބަލާއިރު ފާއިތުވެދިޔެ 4 އަހަރަކީވެސް ކުށްތައް ގިނަ އަހަރުތަކެއްގެ ގޮތުގައި ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 2017ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އަންހެނުންނާއި އަންހެން ކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޖިންސީ ފުރައްސާރައާއި ޖިންސީ އަނިޔާކޮށްގެން ހުށައަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީގެ ތެރެއިން ކޯޓާއި ހަމަޔަށްގޮސް ސާބިތިވެފައިވަނީ މަދު މައްސަލަތަކެކެވެ.

  • 2017 - 2020 ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް 927 މައްސަލަ
  • 2017 - 2020 އަނިޔާ ލިބިފައިވާ ކުޑަކުދިންގެ 1036 މައްސަލަ
  • 2017 - 2020 ޖިންސީ ފުރައްސާރައިގެ 127 މައްސަލަ
  • 2017 - 2020 ޖިންސީ ފުރައްސާރައިގެ އަނިޔާ ލިބުނު 61 މީހެއްގެ މައްސަލަ


ޖިންސީ ފުރައްސާރައާއި، ޖިންސީ ގޯނާތަކަކީ ރާޢްޖޭގައި އާންމުވެފައިވާ ބޮޑު މައްސަކައަކަށް މިއަދު ވެފައިވާއިރު، މައްސަލަ ހައްލުކުރުމުގައި ކިތަންބޮޑު ހޭދައެއްކޮށްގެން ޤާނޫނަށް ބަދަލު ގެނެސްގެންވެސް މިކަން ކުރުމަކީ މިއަދު ސަރުކާރުން އަމާޒު ހިފާފައިވާ އެއްކަމެވެ. މިމަސައްކަތް ކުރުމުގައި މިހާރުވެސް މައްސަލަ ހުށަހެޅޭނެ ފަސޭހަ ގޮތްތަކާއި، މައްސަލަތައް ބެލުމުގައި ހުރި ޤާނޫނީ ގޮންޖެހުންތައް ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރައްޔިތުން މިއަދު އިންތިޒާރު ކުރަނީ ކޮންމެ ބަދަލެއް އަދި ކިތަންމެބޮޑު ހޭދައެއް ކޮށްގެންވެސް މިކަމަށް ޤާނޫނީ ހައްލު އައުމަށެވެ.