ދިވެހިރާއްޖެއަށް ވަދެނިކުމެ ހަދާ ދޮރޯށިތައް ރަނގަޅަށް ބަލަހައްޓާ، ހިމާޔަތްކޮށް ރައްކާތެރިކުރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޒިންމާއެކެވެ. ޤައުމަށް މިބޮޑު ޒިންމާ އަދާކޮށްދިނުމުގައި ކަސްޓަމްސްއިން ވަނީ 130 އަހަރު ވޭތުކޮށްފައެވެ. ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 18 ވަނަ ދުވަހަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އަހަރީ ދުވަހެވެ.
ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު މިއަހަރަކީ ކަސްޓަމްސްއަށްވެސް ތަފާތު އަހަރެކެވެ. ކޯވިޑް19 ގެ ސަބަބުން ކަސްޓަމަށްވެސް ވަނީ ގޮންޖެހުންބޮޑު މަސައްކަތްތަކެއް ކުރަންޖެހިފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާއި ރާއްޖެ ލޮކްޑައުންއަކަށް ދިއުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ދަތި އުނދަގޫކަމަކަށްވިއެވެ. އެހެންކަމުން ރާއްޖެއަށް ގެންނަ ކާބޯތަކެއްޗާއި، ސިއްހީ ސާމާނާއި އެހެނިހެންވެސް ތަކެތި ކަސްޓަމްސްއިން ކްލިއަރކޮށް ރައްޔިތުންނަށް އަވަހަށް މިތަކެތި ލިބިދިނުމަށް ކަސްޓަމްސްއިން ކެނޑިނޭޅިވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ކޯވިޑް19 ގެ ހާލަތުގައި ކަސްޓަމްސްއިންދޭ ޙިދުމަތްތަކަށް ބުރޫނާރައި އާންމުންނަށް ފަސެހައިން ޙިދުމަތްތައް ލިބޭނެގޮތް ކަށަވަރުކުރުމުގެ ގޮތުން ކަސްޓަމްސްގެ 36 މުވައްޒަފަކު ވަނީ 42 ދުވަސްވަންދެން ފުރަބަންދުގައި ތިބެ ޙިދުމަތް ފޯރުކޮށްދީފައެވެ. ކޯވިޑް19ގެ ހާލަތުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް އެންމެ މުހިންމުވީ ޤައުމަށްޓަކައި މަސައްކަތްކުރުންކަމަށް އެ ކުންފުނިން ބުނެއެވެ. ރާއްޖެއަށް އެތެރެވާ މީހުންނާއި ރާއްޖެއިން ފުރައިގެންދާ މީހުންގެ ކިބައިން މިބަލި ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދިނުމަށް ކަސްޓަމްސްގެ މުވައްޒަފުން ވަނީ ޤައުމީ ބޮޑު ވާޖިބެއް އަދާކޮށްފައެވެ.
ކޯވިޑްއާ ގުޅިގެން ކަސްޓަމްސްއިންދޭ ޙިދުމަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ހުރިހާ ޙިދުމަތެއް މިހާރު ވަނީ އޮންލައިންކޮށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސަދީފައެވެ. ކޯވިޑް19ގެ ސަބަބުން ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބެމުން ދިޔަ އާމްދަނީވެސް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ޖޫންމަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫންމަހު އިންޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީވަނީ 36 އިންސައްތަ ދަށްވެފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ކަސްޓަމްސްގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ވަނީ ގިނަ މަސައްކަތްތަކެއްވެސް ކުރައްވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓްރީގެ ދަށަށް ކަސްޓަމްސް ވަނީ ބަދަލުކުރައްވާފައެވެ. ސަބަބަކީ ކަނޑާއި ވައިގެ މަގުން ރާއްޖެއަށް ތަކެތި އެތެރެކުރާ ބޯޑަރުތަކުގައި ކަސްޓަމްސްއިންއިސް އަދާކުރާ މުހިއްމުދައުރުގެ ސަބަބުންނެވެ.
މީގެއިތުރުން މިދިޔަ އަހަރު ވަނީ ކަސްޓަމްސްގެ ތަސައްވުރާއި އަމާޒަށް ވާޞިލްވުމަށްޓަކައި ކަސްޓަމްސްގެ ކުރިއަށް އޮތް ފަސްއަހަރުދުވަހުގެ ސްޓްރެޓީޖިކް ޕްލޭނެއްވެސް އިފްތިތާހްކޮށްފައެވެ. މި ޕްލޭންއަކީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަސްޓަމްސްއިން ކުރަން ބޭނުންވާ ކަންތައްތަކާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާ މަގުދައްކާނެ ޕްލޭނެކެވެ. މި ޕްލޭންގައި 5 ދާއިރާއަކަށް އިސްކަންދީގެން 28 ސްޓްރެޓެޖީއާއި ހާސިލްކުރަން ބޭނުންވާ 117 ކަމެއް ވަނީ ހިމަނާފައެވެ.
ރައީސް ޞާލިހުގެ ވެރިކަމުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަމުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވައި އެ ކުންފުނީގެ ދަށުން "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމެއް ޤާއިމްކޮށް، ކަސްޓަމްސް ހިމެނޭހެން 7 މުއައްސަސާއެއް އެއް ވިއުގަޔަކުން ވަނީ ގުޅާލާފައެވެ. މިއީވެސް ކަސްޓަމްސްގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނެޝަނަލް ސިންގަލް ވިންޑޯ ނިޒާމަކީ އިމްޕޯޓް، އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމަށް ލުއި ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޤާއިމްކޮށްފައިވާ ވިއުގައެކެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާގައި ކަސްޓަމްސްގެ ޒިންމާ ބޮޑެވެ. ކަސްޓަމްސްއަކީ ރާއްޖެ އެތެރެކޮށް ބޭރުކުރާ މުދަލުގެ ހިސާބުތަކާއި ޑިއުޓީނެގުމުގެ އިތުރުން ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ވަބާ ހުއްޓުވުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ދެނެގަތުމަށް ކަމާގުޅޭ އިދާރާތަކާއެކު މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާއެއް ވެސްމެއެވެ.
ކަސްޓަމްސްއަށް 130 އަހަރު މިއަދު ފުރިގެންދާއިރު، ކަސްޓަމްސްއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މުޢައްސަސާ ތަަރައްޤިކޮށް ކުރިއަރުވަމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުވައްޒަފުންގެ ކުރިއެރުމަށްވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެއާއެކު ކަސްޓަމްސް މިއަދު ވެފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ފެންނަ ފަދަ ޒަމާނީ ޚިދުމަތެއް ފޯރުކޮށްދޭ މުޢައްސަސާއެއްގެ ގޮތުގައެވެ.