ވިޔަފާރި

ޝިޕިންގ އެޖެންޓްކަން މީގެފަހުން ކުރެވޭނީ ލައިސަންސެއް އޮވެގެން


މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހާއްސަ ލައިސަންސެއް ނަގައިގެން ނޫނީ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ނުކުރެވޭގޮތަށް ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ ގެޒެޓްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ގެޒެޓްކުރި، ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ޤަވާއިދަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.

މިޤަވާއިދުގެ ދަށުން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކުރަން ވަނީ އަންގާފައެވެ. އަދި މިމުއްދަތަށްފަހު ޝިޕިން އެޖެންޓުންގެ ހިދުމަތްދެވޭނީ ޓްރާންސްޕޯޓުން ހާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތަކަށް އެކަނިކަމަށް ކަނޑައަޅާފައެވެ.

ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ. މިއީ ބައިނަލްއަޤްވާމީ ގޮތުން މިކަން އޮންނަ ގޮތެއް ނޫނެވެ. ބޭރު ޤައުމުުތަކުގައި ޝިޕިން އެޖެންޓުކަން ކުރެވޭނީ ވަކި ލައިސަންސަކާއިއެކުއެވެ. މިއީ ޝިޕިން ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ މައްސަލައެވެ.

ޓްރާންސްޕޯޓުން އެކުލަވާލާ ގެޒެޓްކުރި ގަވާއިދުގެ ދަށުން ޝިޕިންގ އޭޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރެވެނީ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުނީގެ މަޤްޞަދުގެ ތެރޭގައި ޝިޕިންގ އޭޖެންޓުކަން ކުރުން ހިމަނާފައިވާ ކުންފުނިތަކަށެވެ.ޤަވާއިދުގެ ދަށުން އޯގަސްޓްމަހުގެ 16 ވަނަ ދުވަހުގެ ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކަށް ޝިޕިންގ އޭޖެންސީގެ ހިދުމަތް ފޯރުކޮށެއްނުދެވޭނެއެވެ.

މި ގަވާއިދުގައިވާ ގޮތުން ޝިޕިން އެޖެންސީތަކުގެ ޒިންމާގެ ތެރޭގައި އާގުބޯޓުފަހަރު ދިވެހިރާއްޖޭގެ ބަނދަރުތަކަށް އައުމާއި ފުރުމާބެހޭ ހުރިހާ މަސައްކަތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ. މިކަން ކުރާ ފަރާތްތަކުން ރާޢްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހެއެވެ.

ގަވާއިދާ ޚިލާފުވާ ފަރާތްތައް 10 ހާސް ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ތަކުރާރުކޮށް ގަވައިދާ ހިލާފުވާނަމަ އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެއެވެ.

ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދަކީ ބަނދަރުތަކަށް ވަދެ، ނިކުމެ ހަދާ އާގުބޯޓުފަހަރަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ޝިޕިންގ އޭޖެންޓުންގެ ޚިދުމަތް ޕްރޮފެޝަނަލް ފެންވަރެއްގައި ޒިންމާދާރުކަމާއެކު ދިނުމަށް މަގުފަހިކޮށްދިނުމަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.