ޚަބަރު

ކޯވިޑް-19 : އަތޮޅުތަކުގެ ފެސިލިޓީތައް މިހަފްތާގެ ނިޔަލަށް ނިންމަން މަސައްކަތް އެބަކުރަން - އަމީން


އަތޮޅުތަކުގައި ތަރައްޤީކުރާ މެޑިކަލް ފެސިލިޓީތަކުގެތެރެއިން މިހާތަނަށް ޚިދުމަތް ނުފެށިވާ 5 ފެސިލިޓީގެ ޚިދުމަތް މި ހަފްތާގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ށ.ފުނަދުއާއި ބ.އޭދަފުށީގައި ތަރައްޤީކުރި ކޯވިޑް-19އަށް ފަރުވާދޭ މެޑިކަލް ފެސިލިޓީތަކުގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުން ފާހަގަކުރުމަށް ވާޗުއަލްކޮށް ބޭއްވި ރައްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ދަތުރުފަތުރުކުރުމަށް ދިން ލުއިތަކާއި، ބޭރަށް ނިކުމެ އުޅޭ ވަގުތު އިތުރުކުރުމާއެކު ބައްޔަށް ޕޮޒިޓީވްވާ މީހުން އަނެއްކާވެސް އިތުރުވާން ފަށާފައިވާކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންވެސް އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނަމަވެސް އަލަށް ހަދާ ފެސިލިޓީތަކާއި، ކޯވިޑް-19އާ ގުޅިގެން ކުރާ މަސައްކަތްތައް އަތޮޅުތަކަށް ބަހާލުމާއެކު އަމާން އައްސޭރިއަކަށް ދެވޭނެކަމުގެ އުންމީދު އެބައޮތްކަމަށް މިނިސްޓަރ ވިދަޅުވިއެވެ. ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލި މިވަގުތުގައި މިފަދަ ޚިދުމަތްތަކެއް ފެށިގެންދިއުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ފުރަތަމަވެސް މަސައްކަތްފެށީ އަތޮޅުތަކުގައިވެސް ބައްޔާގުޅޭ ފެސިލިޓީތަށް ހެދުމަށް. ކަރަންޓީން ފެސިލިޓީތަކާއި، ޓެސްޓްހެދުމާއި ވަސީލްތައް ހަމަކުރުމާއި މީހުން ތަމްރީނުކުރުމުގައި އެތަށް ބައެއްގެ ބުރަ މަސައްކަތް ހިމެނޭ." މިނިސްޓަރ ވިދާޅުވިއެވެ.

ބ.އޭދަފުއްޓާއި ށ.ފުނަދޫގެ އިތުރަށް ކޯވިޑް-19އަށް ފަރުވާދޭ މެޑިކަލް ފެސިލިޓީ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހއ.އިހަވަންދުއާއި ލ.ގަމާއި ފުވައްމުލައް ސިޓީއާއި ގއ.ވިލިންގިއްޔާއި އައްޑޫ ސިޓީގައެވެ.

"މިހާރު ޚިދުމަތް މި ފެށީ 2 ފެސިލިޓީގައި. މި ހަފްތަގެ ތެރޭގައި ބާކީހުރި ފެސިލިޓީތަކުގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންމި ދަނީ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމާއި ބަލި ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތުގައި އަދިވެސް ޢާއްމުރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ލުއިތަށްދެމުން ދިޔަނަމަވެސް ބަލީގެ ޙާލަތު އިތުރަށް ގޯސްވެއްޖެނަމަ، ލުއިތަށް ދީފައިވާ ޙާލަތުން ފަހަތަށް ޖެހެން ފަސްނުޖެހޭނެކަމަށެވެ.