މާލެ ސަރަހައްދަށްވުރެ އަތޮޅުތެރޭގެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ލިބިފައިވާ ބުކިންތައް ގިނަކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ރައީސް މުޙައްމަދު އިމްތިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބޯޑަރު ބުދަ ދުވަހު ހުޅުވާލުމާއިއެކު ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ބޭނުންކުރުމަށް ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލާނެއެވެ. އެއަށްފަހު ރާއްޖޭގެ އެހެން އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލަނީ އޮގަސްޓްމަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ރައީސް މުޙައްމަދު އިމްތިޔާޒް ވިދާޅުވީ، މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުން މިހާރު އެންމެ ބޮޑު ތައްޔާރުވަމުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ތަންތަން ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ. ނަމަވެސް މިވަގުތަށް މާބޮޑު ބުކިންތަކެއް ހައްދާފައިނެތްކަމަށް ގިނަ ގެސްޓްހައުސްތަކުން ބުނެފައިވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކަށް ބުކިންތައް މަދުވިނަމަވެސް މިވަގުތުވެސް އަތޮޅުތެރޭގެ ގެސްޓްހައުސްތަކަށް ގިނަ އަދަދަކަށް ބުކިންތައް ލިބިފައިވާކަމަށާއި އަދި އިތުރު ބުކިންތައްވެސް ލިބެމުން އަންނަކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ލޯކަލް ޓޫރިޒަމްގެ މުސްތަޤްބަލް ވަރަށް އުޖާލާކޮށް ފެންނަމުން އަންނަކަމަށެވެ. އޮގަސްޓް މަހުގެ ތެރޭގައި އެކަށީގެންވާ ތަރުހީބެއްލިބި އަހަރުގެ ފަހު 3 މަހުގެ ތެރޭގައި ޕީކް ސީޒަންއަށް ރާއްޖެ ދާނެކަމަށެވެ.
"މިހާރުވެސް ގަތަރު އެމިރޭޓްސް ތަންތަނުން އެބަހުރި ރަށްރަށަށް ވަރަށް ގިނަ ބުކިން ހައްދާފަ. އެހެންވީމަ ލޯކަލް ޓޫރިޒަމްގެ ފިއުޗަރ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އެބަފެނޭ. ލޯކަލް ޓޫރިޒަމަށް އަޅުގަނޑަށް ހީވަނީ ހަމަ އޮގަސްޓް މަހުގައިވެސް އެކަށީގެންވާ ތަރުހީބެއް ލިބޭނެކަމަށް. ދެން އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރ މަހު ހަމަ ޕީކް ސީޒަނަކަށް ރާއްޖެ ދާނެ އިތުރު ލޮކްޑައުންއަކަށްނުގޮސް ކުރިއަށްދަންޏާ." މުޙައްމަދު އިމްތިޔާޒް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ، އޮގަސްޓްމަހު އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވާލާއިރު ހުޅުވާލާނީ %30 ބުކިންއާ އެކުގައިކަމަށެވެ. ނަމަވެސް ބައެއް ގޮންޖެހުންތަކުގެ ސަބަބުން ގެސްޓްހައުސްތަކުން އަދިވެސް ބުކިންތައް ނަގަން ޖެހިލުންވާކަން އެނާ ފަހަގަކުރިއެވެ.
އިމްތިޔާޒް ވިދާޅުވީ، ރަށްރަށުގައި ގެސްޓްހައުސްތައް ހިންގާ ގިނަ ފަރާތްތައް އުޅެނީ މަލޭގައިކަމުން ކަރަންޓީން ނުކުރާ އުސޫލަކުން ރަށްރަށަށް ދެވެން ނެތުމުގެ ސަބަބުން ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމަށް ގޮންޖެހުންތަކެއް ހުރިކަމަށެވެ.
މުޅި ރާއްޖެ ހިމެނޭގޮތުން ގެސްޓްހައުސްތައް ހުޅުވުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ އަދަދެއްގެ ޔޫޓިލިޓީ ބިލްތައް ދައްކަންޖެހުންކަން އޭނާ ފަހަގަކުރެއްވިއެވެ. ގެސްޓްހައުސްތަކުގެ ތިން ހަތަރު މަހެއްގެ ބިލްތައް ނުދެއްކި ހުރިކަން ފާހަގަކުރައްވައި އިމްތިޔާޒް ވިދާޅުވީ، ބިލްތައް ކުލިއަރކޮށްގެން ހުޅުވަންވެއްޖެނަމަ 90 އިންސައްތަ ގެސްޓް ހައުސްވެސް ނުހުޅުވޭނެކަމަށެވެ. އެހެންކަމުން ޔުޓިލިޓީ ބިލްތައް ބަހާލައިގެން ދައްކާލެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައިދީފިނަމަ މިވަގުތު ގެސްޓްހައުސްތައް ހުޅުވުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަހަލަ ކަންތައްތަކަށް (ޔޫޓިލިޓީ ބިލްތައް ދެއްކުމަށް) ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއްވެސް ސަރުކާރުގެ ފަރާތުން ބޭނުންވޭ. މިސާލަކަށް ކަރަންޓުބިލް / ފެންބިލް ބަހާލައިގެން ދެއްކުން ފަދަ ކަންތައްތައް. ކުއްލިއަކަށް މިހާބޮޑު ބްރޭކެއް އައިއްސަ ހުޅުވަންވީމަ ފައިނޭންޝިއަލީވެސް ގިނަ ތަންތަން ދަށްކޮށް އުޅެނީ." ގެސްޓްހައުސް އެސޯސިއޭޝަންގެ ވަގުތީ ރައީސް ވިދާޅުވިއެވެ.
އިމްތިޔާޒް ވިދާޅުވީ، އެސްއެމްއީ ބޭންކުން ގެސްޓްހައުސްތަކަށް ހުޅުވާލި ލޯނުތަކަށްވެސް ޝަރުތުހަމަނުވާތީ ގިނަ ގެސްޓްހައުސްތަކަށް ލޯނުތަކަށް ކުރިމަތިނުލެވޭކަމަށެވެ.
"އެސްއެމްއީ ބޭންކުން ހުޅުވާލި ގެސްޓްހައުސްތަކަށް އެހީދޭ ލޯންތަކަކަށްވެސް. ގެސްޓްހައުސްތަކަށްއެއިން މާބޮޑު މަންފާއެއް ލިބިފައެއްނެތް. ސަބަބަކީ އޭގެ ޝަރުތުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހުރެފައި، ގެސްޓްހައުސްތަކަކީ ދާއިމީ ސްޓާފުން މަބޮޑަކަށް ގެންގުޅެވޭ ތަނަކަށްނުވާތީވެ. އެހެންވީމަ ވަރަށްގިނަ ގެސްޓްހައުސްތަކަށް އެއަށް ޝަރުތުހަމަނުވެ އެޕްލައި ނުކުރެވުނު. އެހެންވީމަ ގެސްޓްހައުސްތައް ފައިނޭންޝިއަލީ ވަރަށް ބޮޑަށް ތާށިވެފަތިބީ." މުޙައްމަދު އިމްތިޔާޒް ވިދާޅުވިއެވެ.
ބުދަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވުމާއިއެކު މާލެ ސަރަހައްދުގެ %30 ގެސްޓްހައުސް ހުޅުވިގެންދާނެކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ. އެއަށްފަހު މަޑުމަޑުން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ދާނީ ހުޅުވަމުންނެވެ. އޮގަސްޓް 1 ގައި މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ހުޅުވާލާއިރު %50 ގެސްޓްހައުސްތައް އޮޕަރޭޝަންއަށް ނިކުންނާނެއެވެ. އޮގަސްޓް މަސް ނިމެންވާއިރަށް އަތޮޅުތެރޭގެ ހުރިހާ ގެސްޓްހައުސްއެއް ހުޅުވޭނެކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.