ޚަބަރު

ބޮކިފަތި ދިއްލުމުގެ މުބާރާތުން ލިބުނު ފައިސާ ހަދިޔާކުރުން


މިނިވަން ފަންސާހަށް ބޮކިފަތި ދިއްލުމުގެ މުބާރާތުން އެއްވަނަ ފިނޭންސް މިނިސްޓްރީއަށް ލިބުމާއި ގުޅިގެން އެ މިނިސްޓްރީއަށް ފައިސާގެ އިނާމްގެ ގޮތުގައި ލިބުނު ފަސްދޮޅަސް ހާސް ރުފިޔާ، ކުޑަކުދިންގެ ހިޔާއަށާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފިއެވެ. މި ފައިސާ އެފަރާތްތަކަށް ހަދިޔާކޮށްދެއްވީ އެކަމަށްޓަކައި މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ކުލަބޮކިން ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނަ ފިނޭންސް މިނިސްޓްރީއަށް ލިބުމާއި ގުޅިގެން، އިނާމުގެ ގޮތުގައި ލިބުނު ފައިސާ ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށާއި، ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކުރުމަށް ނިންމީ އެ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި މިހާ ވާދަވެރި ގޮތަކަށް ކުރިއަށްދިޔަ މިބާރާތަކުން ފަޚުރުވެރި ވަނައެއް ލިބުނީ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށާއި، އެކުވެރިކަމާއި އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫޙު ހުރިހާ މިނިސްޓްރީތަކެއްގައިވެސް އޮތުން މުހިއްމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ކުޑަކުދިންގެ ހިޔާގެ ފަރާތުން އަދި ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުންވަނީ، ފިނޭންސް މިނިސްޓްރީގެ ފަރާތުން އެކި ގޮތްގޮތުން އެފަރާތްތަކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ، ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.މިނިވަން ފަންސާސް ފާހަގަކުރުމުގެ ގޮތުން ހެދި ގިޑިގެތަކާއި ކުލަބޮކިން ޒީނަތްތެރި ކުރުމުގެ މުބާރާތުގެ އެއްވަނަ ގިޑިގެއަކަށް ފިނޭންސް މިނިސްޓްރީން ހަދާފައިވާ ގިޑިގެ ހޮވުނުއިރު، މި މުބާރާތުގެ އެއްވަނަ އިމާރާތަކަށްވެސް ހޮވިފައިވަނީ ފިނޭންސް މިނިސްޓްރީގެ އިމާރާތެވެ.