ޙައްޖު މޫސުމަށް ހަރަމްފުޅުގައި ޖާގަ އިތުރުކުރުމަށް ސައުދީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ގެފުޅު ވަށައި ޠަވާފް ކުރުމަށް 4 ފަންގިފިލާގެ އިމާރާތެއް އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ނިމޭނެކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.ސައުދީގެޒެޓަށް މައުލޫމާތުދެއްވަމުން ސައުދީ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށްވާ ސުލްޠާން އަލް ޤްރައިޝީ ވިދާޅުވީ ކޮންމެ އަހަރަކު ޙައްޖުވުމަށް އެތައް ބަޔަކު ސައުދީ އަރަބިއާއަށް ޒިޔާރަތް ކުރާއިރު، ޙައްޖުވެރިން ޠަވާފް ކުރުމުގައި ދިމާވާ ޖާގައިގެ ދަތިކަމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށެވެ.އަލަށް އިމާރާތް ކުރާ ބައިގައި 76 ހާސް އަކަފޫޓު ހުންނާނެކަމަށް ޤުރައިޝީ ވިދާޅުވިއެވެ. މިމަސައްކަތުގެ ބޮޑު ބައެއް މިހާރުވަނީ ނިމިފައެވެ. އެގޮތުން 3 ވަނަ ފަންގިފިލާ އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި މިހާރު ކުރަމުން ދަނީ 4 ވަނަ ފަންގިފިލާ އިމާރާތް ކުރުމުގެ މަސައްކަތް ކަމަށް ސައުދީ ގެޒެޓްގައި ބުނެފައިވެއެވެ.މަސްޖިދުލް ޙަރަމް ބޮޑުކުރެއްވުމަށް ސައުދީ ސަރުކާރުން އިއުލާން ކޮށްފައިވާ ޕްރޮޖެކްޓް "ކިންގް އަބްދުއްﷲ ބިން އަބްދުއްލް އަޒިޒް އެކްޕޭންޝަން ޕްރޮޖެކްޓް"ގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިމަޝްރޫޢުގެ މަސައްކަތް، ހައްޖު މޫސުމަށް މެދުކަނޑާލާނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ. އެގޮތުން ސެޕްޓެމްބަރ 9 ވަނަދުވަހު މެދުކަނޑާލުމަށްފަހު އަލުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 14 ވަނަ ދުވަހު ކަމަށް ސައުދީ ސަރުކާރުން ބުނެއެވެ."ކިންގް އަބްދުއްﷲ ބިން އަބްދުއްލް އަޒީޒް އެކްޕޭންޝަން ޕްރޮޖެކްޓް"އަކީ 80 ބިލިއަން ސައުދީ ރިޔާލްގެ އަގުހުރި ބޮޑު މަޝްރޫޢެކެވެ. އެއީ 27 ބިލިއަން އެމެރިކާ ޑޮލަރެވެ.