ޚަބަރު

ހިތްގައިމު މާވެޔޮ މިސްކިތް ޢާއްމުކޮށް ހުޅުވައިފި


މާވެޔޮ މިސްކިތް ހުރި ބިމުގައި އަލުން މިސްކިތެއް ބިނާކޮށް އެމިސްކިތް މިއަދު ހުޅުވައިފިއެވެ.

ކުރިން މަސްޖިދުއް ބަޙާއުއްދީން ނުވަތަ މާވެޔޮ މިސްކިތް ހުރިތަނުގައި އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވަނީ 2016ވަނަ އަހަރުއެވެ. ހަތަރު އަހަރު ތެރޭގައި ބިނާކުރި މިމިސްކިތް ހުޅުއްވައިދެއްވީ މިއަދު އަޞްރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

ކުރިން 400 އެއްހައި މީހުން އެއްފަހަރާ ނަމާދުކުރެވޭ މާވެޔޮ މިސްކިތް ހުރި ކުޑަ ބިންކޮޅެއްގައި، ޖާގަ ތަނަވަސް ވާނެފަދައިން އަލުން މިސްކިތެއް ބިނާކޮށް ނިންމާލިއިރު މިހާރު މިމިސްކިތުގައި އެއްފަހަރާ 1800 މީހުންނަށް ނަމާދުކުރެވެއެވެ. ޓެރަސް ހިމެނޭހެން ހަތް ފަންގިފިލާއަށް ބިނާކޮށްފައިވާ މިމިސްކިތުގައި އަންހެނުންނާއި ފިރިިހެނުންނަށް ނަމާދުކުރެވޭނެ ގޮތަށް ވަނީ އިންތިޒާމްކޮށްފައެވެ.

ކީރިތި ޤުރުޢާން ކިޔަވައިދީ، ދަރުސްތައް ދިނުމާއި، އިސްލާމީ ތަޢުލީމު އުނގަންނައިދިނުމުގެ ކުލާސްތައް ހިންގޭނެ ގޮތަށް ބިނާކޮށްފައިވާ މިސްކިތުގައި އިމާމު މީހާއަށް ޚާއްޞަ ކޮޓަރިކޮޅަކާއި މިސްކިތް ބަލަހައްޓާ މީހުންނަށް ޚާއްޞަ ޖާގަ ހިމަނާފައިވެއެވެ. އަދި ސީސިޓީވީ ކެމެރާގެ ޒަރިއްޔާއިން މުޅި މިސްކިތް ބަލައިލެވޭނެ ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ.

މިސްކިތުގެ ފާޚާނާތަކާއި، ވުޟޫކުރާ ތަންތަން އަންހެނުންނާއި، ފިރިހެނުންނަށް ވަކިން ޚާއްޞަކޮށްގެން ޢިމާރާތް ފަރުމާކޮށްފައިވާއިރު، އެއްފަހަރާ 29 މީހުންނަށް ވުޟޫ ކުރެވޭނެއެވެ. މުޅި މިސްކިތް އޭސީ ކޮށްފައިވާއިރު 10 މީހުންގެ ޖާގައިގެ ލިފްޓެއްވެސް ވަނީ ބަހައްޓަފައެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާޙިރު ޢަލީ ވަނީ މިސްކިތެއް ބިނާކުރުމުގެ މާތްކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފު މިސްކިތުގައި ވަނީ ޢަޞުރު ނަމާދު ޖަމާޢަތުގައި ކޮށްފައެވެ. އިމާމުވެ ނަމާދުކުރެއްވީ އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާޙިރު ޢަލީއެވެ.

މިސްކިތުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވަނީ މިދިޔަމަހުގެ 20ވަނަ ދުވަހުއެވެ. މަސްޖިދުލްބަޙާއުއްދީން ނަން ބަދަލުކޮށްފައިމިވަނީ މިސްކިތް އިމާރާތްކުރި ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ ޖަމްޢިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ބައްޕާފުޅުގެ ހަނދާނުގައި މަސްޖިދުއް ޢަލީ ހުސައިންގެ ގޮތުގައެވެ.

މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދައުލަތަށް ގިނަދުވަހު ޚދިޔަމްތ ކޮށްދެއްވާފައިވާ އަދި މަރްހޫމް ޢަލީ ޙުސައިންގެ އެންމެ ގާތް ރަޙްމަތްތެރިޔާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާޙިރު ބައިވެރިވެވަޑައިގެންނެވިއެވެ.

މާވެޔޮ މިސްކިތް އަލުން ބިނާކުރުމަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.