ވިޔަފާރި

4924 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފި


އަހަރީ ފީ ދައްކާފައިނުވާ 4924 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، 1979 ވަނަ އަހަރުން 2018 ވަނަ އަހަރާއި ހަމައަށް އަހަރީ ފީ ދައްކާފައިނުވާ 6050 ކުންފުންޏެއް ރެކޯޑްކުރެވިފައިވާކަމަށެވެ. އަދި އެއިން ކުންފުންޏެއް ހިންގަން ބޭނުންވާނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް ފުރިހަމަކުރުމަށްފަހު، 20 ޖޫން 2019 އިން 3 ޑިސެމްބަރ 2019ގެ ނިޔަލަށް މިނިސްޓްރީއަށް އެންގެވުމަށް އިޢުލާނުކޮށްފައިވާނެކަމަށެވެ. އަދި މީގެތެރެއިން ޖުމްލަ 111 ކުންފުންޏެއް ހިންގުމަށް ބޭނުންވާކަމަށް އެ ކުންފުނިތަކުން އަންގާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އުވާލަން ކަނޑައަޅާފައިވާ، 6050 ކުންފުނީގެ ތެރެއިން، އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، އެކަމާއިގުޅޭ ތަފްޞީލު، މިނިސްޓްރީއަށް ފޮނުވުމަށްވެސް މުޙުލަތެއް ވަނީ ދެއްވާފައެވެ.

މިނިސްޓްރީން ކުރި އިޢުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާގުޅޭ އެކި މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށްފައި ނެތް ކުންފުނިތަކާއި، އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތައް ހިމެނެއެވެ. އަދި އެކި ޚިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުޢީ ކޯޓެއްގައި މައްސަލައެއް ބަލަމުންދާ ކުންފުނިތައްވެސް ހިމެނެއެވެ. އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

އިކޮނޮމިކް މިނިސްޓްރީން އުވާލުމަށް ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު މިހާރު ވަނީ އެ ކުންފުނިތައް އުވާލައި، ކުންފުނިތަކުގެ ނަންތައް ހާމަކޮށްފައެވެ. އުވާލާފައިވާ ކުންފުންޏަކާބެހޭ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންނަމަ އެކަމަށް ޙާއްސަކޮށްފައިވާ މެއިލްއަށް އީމެއިލްކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.